ރާއްޖެސަރުކާރު

އޯވާޑްރޯ ކުރުމުގެ ހުއްދަ އެއްއަހަރަށް އިތުރުކޮށް ދިނުމަށް އެދިއްޖެ

19/04/2021

Admin

ފިނޭންސް މިނިސްޓަރ އަމީރު - ފޮޓޯ: މަޖިލިސް


ޝެއަރ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން ވަކި އަދަދެއްނެތި ފައިސާ ނެގުމަށް ދީފައިވާ ހުއްދަ އެއް އަހަރަށް އިތުރުކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިފައިވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 38 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2021 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވުމަށެވެ. މި ހުއްދަ ފުރަތަމަ މަޖިލީހުން ދެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގައެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރުގެ ސަރުކާރުގެ އެވަރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށެވެ. މަޖިލީހުން ހުއްދަ ދެއްވައިފިނަމަ މުއްދަތެއް ނެތް ގޮތަށް ސަރުކާރަށް އެމްއެމްއޭ އިން ފައިސާ ނެގޭނެއެވެ.

ޤާނޫނުގެ 32 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. އަދި 1 ޖެނުއަރީ 2016 އިން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ.

ސަރުކާރުން އެދިފައިވާ ހުއްދަ ދެއްވުމަށް ގިނަ މެންބަރުން ދެކޮޅެވެ. އަދި ބައެއް މެންބަރުން ވަނީ މިފަހަރު ހުއްދަ ދޭއިރު އިންޓަރެސްޓަކާއެކު ދިނުމަށް ޚިޔާލު ހުށަހަޅާފައެވެ.

ހިޔާލު


ގުޅުންހުރި