ރާއްޖެސަރުކާރު

"އިރުއިރުކޮޅާ ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ"

19/04/2021

Admin


ޝެއަރ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު އިރުއިރުކޮޅާ ބަދަލުނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް މައުމޫން މިގޮތަށް ޓުވީޓު ކުރައްވާފައި މިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހަށް ދެންނަވާފައިވަނިކޮށެވެ.

ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާއަކީ މަޖިލީހުން ކަނޑައަޅާ މަޤާމަކަށް ހަދާ، މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލަން ބޭނުންފުޅުވާކަމަށެވެ.

މިކަމާ ގުޅިގެން ވެރިކަމުގެ ނިޒާމާ ގުޅޭ ބަހުސެއް އަނެއްކާވެސް ފެށިފައިވާއިރު، ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ. އަދި އިރުއިރުކޮޅާ ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެކަމަށެވެ.

ރައީސް މައުމޫންގެ އިތުރުން ރައީސް ވަހީދުއާއި ސިޔާސީ އެހެން ބައެއް ލީޑަރުންވެސް ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި