ރާއްޖެސަރުކާރު

ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން - ރައީސް

19/04/2021

Admin


ޝެއަރ

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ނަޝީދުގެ ޚިޔާލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތާޢީދެއް ނުކުރެއްވިއެވެ.

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރަައީސް އިބްރާޙީމް މުޙައްމަދު ސާލިޙަށް ފޮނުއްވި މެސެޖާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ، އެ ފަދަ މެސެޖެއް ލިބުނުކަމަށާއި ނަމަވެސް މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއްކަމަށްވާތީ، ނިޒާމަށް ބަދަލެއް ގެނެވޭނީވެސް ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވައި، އެ އަހަރު ރާއްޖޭގެ ވެެރިކަން ކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވާލުމަށް ހުށަހަޅުއްވާފައެވެ. އަދި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާ ކުރިމަތިލާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ގާނޫނުގައިވާ ގޮތަށް މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށް ހަދަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށާއި، ސަރުކާރު ހިންގުމުގައި އެއްފަރާތެއްގައި ހުންނަވަން އެ މަނިކުފާނު ބޭނުންފުޅު ނުވާކަމަށް ވެސް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައިވެއެވެ. އަދި ބޭނުންފުޅުވަނީ ބޮޑުވަޒީރަށްވެ ގައުމު ހިންގުމުގެ އެންމެ ކުރީ ސަފުގައި ހުންނަވަން ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ރައީސް ނަޝީދު އަބަދުވެސް ދަނީ ތަޢީދުކުރައްވާ ވަކާލާތު ކުރައްވަމުންނެވެ. އަދި އެކަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރައްވައިގެން ކަމަށް ވިދާޅުވެފައިވެއެވެ.

ހިޔާލު


ގުޅުންހުރި