ރާއްޖެރައްޔިތުންގެ މަޖިލިސް

"ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ވޯޓަކުންކަން ޔަޤީން"

19/04/2021

Admin


ޝެއަރ

ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމުންގެ ފެންނަ ނުފެންނަ ވޯޓަކުންކަށް ޔަޤީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެ ޓުވީޓު ކުރެއްވީ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެދި ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވި މެސެޖަށް ރައީސް އޮފީހުގެ ތަރުޖަމާނު މެދުވެރިކޮށް ރައްދު ދެއްވާ ރައީސް ސާލިޙް ވަނީ ރައީސް ނަޝީދުގެ ޚިޔާލުފުޅަށް ދެކޮޅު ހައްދަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ވިދާޅުވީ މިހާރު ކުރިއަށްދާ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ގޮތަކަށްވާތީ ނިޒާމަށް ބަދަލުގެނެވޭނީ ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށެވެ.

މިއަށް ރައްދު ދެއްވާ މިރޭ ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދުވަނީ ނިޒާމު ބަދަލުކުރުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ޔަަޤީން ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ ވޯޓާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފެށީ, އަންނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކޮށް, 2023 ގައި ރިޔާސީ އިންތިޚާބު ނުބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާއަކީ މަޖިލީހުން ކަނޑައަޅާ މަޤާމަކަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވާލަން ބޭނުންވާކަން ހާމަކޮށް ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާއަށް މެސެޖެއް ފޮނުއްވުމުންނެވެ. ރައީސް ނަޝީދުގެ މެސެޖުގައި ސަރުކާރު ހިންގުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ގިނަ ސިޔާސީ ބޭފުޅުން ވަނީ ދެކޮޅު ހައްދަވާފައެވެ. އެގޮތުން ރައީސް މައުމޫންއާއި ރައީސް ވަހީދުއާއި ޖުމްްހޫރީ ޕާޓީއާއި ކުރީގެ ބައެއް ވަޒީރުންވެސް ވަނީ އެކަމާ ދެކޮޅުކަން ހާމަކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި