ރާއްޖެރައްޔިތުންގެ މަޖިލިސް

އޯވާޑްރޯ ކުރުމުގެ މައްސަލަ ޚާއްސަ ކޮމިޓީއަކަށް

21/04/2021

Admin


ޝެއަރ

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކަށް ފޮނުވުމަށް ނިންމައިފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން އިއްޔެ ބޭއްވި ޖަލްސާގައި ގޮތެއް ނުނިމި އޮތުން މައްސަލަ އަނެއްކާވެސް ވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ. މައްސަލަ 9 މެންބަރުންގެ ޚާއްސަ ކޮމިޓީއަކަށް ފޮނުވުމަށް ހުށަހެޅީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުއެވެ. ރަޝީދު ހުށަހެޅުއްވި ކޮމިޓީގައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އިތުރުން އިޤްތިސާދީ ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒުގެ ނަން ހިމެނުއްވިއެވެ. ނަމަވެސް މަޖިލީހުން ފާސްކުރެއްވީ ޢަލީ އާޒިމް ހުށަހެޅުއްވި 9 މެންބަރުންގެ ކޮމިޓީއެވެ. އާޒިމް ހުށަހެޅުއްވި ކޮމިޓީގައި ނާޝިޒުގެ ބަދަލުގައި ހިމެނެނީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުގެ ނަމެވެ.

މި ކޮމިޓީގެ މަސައްކަތް މިއަދާއި މިރޭ ކުރިއަށް ގެންދަވާ ކޮމިޓީގެ ރިޕޯޓު މާދަމާ ފާސްކުރަންވާ ބޭނުންފުޅުވާކަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 38 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2021 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވުމަށެވެ. މި ހުއްދަ ފުރަތަމަ މަޖިލީހުން ދެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި