ރާއްޖެއިދިކޮޅު

ޖަލުގައި ކޮވިޑް ފެތުރޭތީ ޔާމީން ގެޔަށް ބަދަލުކޮށްދޭން އެދިއްޖެ

24/04/2021

Admin


ޝެއަރ

މާފުށީ ޖަލުގައި ރައީސް ޢަބްދުالله ޔާމީންގެ ކަންކަން ބަލަހައްޓާ އޮފިސަރަކާއި އިތުރު ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ, ރައީސް ޔާމީންގެ ސިއްހަަތަށް ގެއްލުން ލިބިދާނެތީ އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ޕީޕީއެމްއިން އެދިއްޖެއެވެ.

ޕީޕީއެމްއިން މިއަދު ނެރު ނޫސްބަޔާނެއްގައި ވިދާޅުވީ ޖަލުގައި ކޮވިޑް-19 ފެތުރެމުންދާ ކަމުގެ މަޢުލޫމާތު ލިބޭކަމަށާއި އެކަމުގެ ފުރިހަމަ މަޢުލޫމާތު މުޢައްސަސާތަކުން ހާމަ ކުރަންޖެހޭކަމަށެވެ. އެގޮތުން ޖަލުގެ މުވައްޒަފުންތަކަކާއި ޖަލު އޮފިސަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަަމަށް ޕީޕީއެމްއިން ބުނެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރައީސް ޔާމީންގެ ކަންކަން ބަލަހައްޓާ އޮފިސަރަކުވެސް ހިމެނޭ ކަމަށް އެޕާޓީން ބުނެެއެވެ.

ޕީޕީއެމްއިން އިތުރަށް ބުނީ ރައީސް ޔާމީންގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކުން އެމަނިކުފާނު ސަލާމާތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށާއި އެހެން ކަމުން މިދަނޑިވަޅުގައި އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް އެދޭ ކަމަށެވެ.

ރަމަޟާން މަހާ ދިމާކޮށް ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި އެމަނިކުފާނުގެ ޢާއިލާއިންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އަދި އެކަމުގައި މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ހިޔާލު


ގުޅުންހުރި