ރާއްޖެސަރުކާރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ވާދައެއް ނުކުރެވޭނެ

25/04/2021

Admin

ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުން - ފޮޓޯ: އެމްޑީޕީ


ޝެއަރ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ކުށްކުށުގެ ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް ބައިވެރި ނުވެވޭގޮތަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި އިސްލާހު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއެވެ. އޭނާގެ ހުށަހެޅުމުގައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި، ކުށެއްގައި ބައިވެރިވެފައިވާ ކަމަށް ކަނޑައަޅާފައިވާ މީހުންނާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

އަދި މީގެ އިތުރުން މީހުން މެރުމާއި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންފަދަ ކުށް ކޮށްފައިވާ މީހުންނަށް ވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ހުށަހެޅުއްވި ހުށަހެޅުން ރޭ ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ރޭ ގެ ބައްދަލުވުމުގައި ވަނީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރެވޭނީ ޕާޓީގެ މެންބަރެއްގެ ގޮތުގައި 1 އަހަރު ވެފައިވާ ފަރާތްތަކަށް އެކަނިކަމަށް ކަނޑައަޅާފައެވެ. މިއީ އިންތިހާބާ ދިމާކޮށް ޕާޓީއަށް މީހުން ވެއްދުމާއި ޕާޓީގެ މަޤާމުތަކަށް މީހުން ހޮވުމުގައި ނުފޫޒުފޯރުވުން ކުޑަކުރަން ގެނައި ބަދަލެއް ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނީ އަންނަ މެއި މަހުގެ 29 ވަނަ ދުވަހުގައެވެ. މި އިންތިހާބުގައި އެކިއެކި ދާއިރާތަކާއި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުން ޖުމްލަ 455 މެމްބަރުން ހޮވާނެ އެވެ.

ހިޔާލު


ގުޅުންހުރި