ރާއްޖެރައްޔިތުންގެ މަޖިލިސް

އޯވާޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކޮށްފި

25/04/2021

Admin


ޝެއަރ

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި މައްސަލަ މަޖިލީހުން ފާސްކުރީ، މައްސަލަ ދިރާސާ ކުރުމަށް އެކުލަވާލި 9 މެންބަރުންގެ ވަގުތީ ކޮމިޓީން ނިންމި ގޮތަށެވެ. އެއީ ފިނޭންސް މިނިސްޓްރީން އެދިފައިވާ ގޮތަށް 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓުން ފައިސާ ނެގުމުގައި ދައުލަތު ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ދީފައިވާ މުއްދަތު އިތުރު 1 އަހަރު ދަންމާލުމަށެވެ.

މައްސަލަ ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅު މެންބަރުން ދެ ކޮޅަށް ވޯޓު ދެއްވި އިރު އެމްޑީޕީގެ ބައެއް މެންބަރުން ހާޒިރެއް ނުވެއެވެ. އަދި އިދިކޮޅު މެންބަރުންވަނީ މައްސަލަ ފާސްނުކުރުމަށް ގޮވާލާފައެވެ. އަދި އެމައްސަލައާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ ކުއްލި މައްސަލަ ބަލައި ގަނެވޭނީ މައްސަލައިގެ ވޯޓަށް ފަހު ކަމަށެވެ.

ކޮމިޓީގައި ގަވަރުނަރު ވާހަކަ ދައްކަވަނީ


މައްސަލަ ދިރާސާ ކުރި ވަގުތީ ކޮމިޓީންވަނީ ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގެ ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށް ފައެވެ. ކޮމިޓީ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު ވަނީ ސަރުކާރުގެ މާލީ ޚަރަދުތަކާއި ސިޔާސަތުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 38 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2021 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަ ދެއްވުމަށެވެ. މި ހުއްދަ ފުރަތަމަ މަޖިލީހުން ދެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި