ރާއްޖެސަރުކާރު

ޓެރަރިޒަމާ ދެކޮޅަށް ބޭނުންކުރާ އާލާތްތަކެއް ޖަޕާނުން ހަދިޔާކޮށްފި

29/04/2021

Admin


ޝެއަރ

ޖަޕާނު ސަރުކާރުގެ "ޕްރޮޖެކްޓް އޮފް ގްރާންޓް އެއިޑް ފޮރ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން، ދިވެހި ސަރުކާރަށް ޓެރަރިޒަމާއި ދެކޮޅަށް ބޭނުންކުރާ އާލާތްތަކެއް ހަދިޔާކޮށްފިއެވެ.

ޖަޕާނުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ހެވީ ޑިއުޓީ ވެހިކަލްތަކާއި، މޯބައިލް އެކްސްރޭ ސްކޭނަރާއި، ލިކުއިޑް ސްކޭނަރާއި، ހޭންޑް-ހެލްޑް މެޓަލް ޑިޓެކްޓަރ ފަދަ އާލާތްތަކެވެ. ތަކެއްޗާއި ހަވާލުވުމަށްފަހު ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ވަނީ ޖަޕާނުން ހަދިޔާކުރި ތަކެތީގެ މުހިއްމުކަން ފަހަގަކުރައްވާފައެވެ. އަދި ތަކެތީގެ ބޭނުން ކޮށްގެން ނުރައްކަލުގެ ޙާލަތްތަކަށް ދުރާލައި ތައްޔާރުވެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ޖަޕާނުން ދެއްވި އެހީގެ ސަބަބުން ސްކްރީނިންގ، ޕްރިވެންޝަން އަދި ރެސްޕޮންސްގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) އިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ޢަމާޒަކީ، ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އިޖްތިމާޢީ ހަމަތައް ނިގުޅައިގަތުން ކަމަށެވެ. ވުމާއެކު މިނުރައްކަލާ ކުރިމަތިލާން ބޭނުންވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އާލާތްތަކެއް ޖަޕާނުން ހަދިޔާކުރުމުން ދޭހަވަނީ، އެޤައުމުގެ ސަރުކާރާއި ރައްޔިތުން، އަބަދުވެސް ދިވެހިންނާމެދު ބަހައްޓާ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ރީތި މިސާލުކަމަށެވެ.

ޖަޕާން ސަފީރާއި މިނިސްޓަރ މާރިއާ


މިނިސްޓަރުގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ސަލާމަތީ ވެށީގައި، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް، ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަން ފާހަގަކުރެވިއެވެ.

މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއީއާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންނާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛު ޙަސަން ޒަމީލްގެ އިތުރުން އެވްސެކޮމްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ހިޔާލު


ގުޅުންހުރި