ރާއްޖެރައްޔިތުންގެ މަޖިލިސް

ހަމަލާއަށްފަހު ރައީސް ނަޝީދުގެ ފުރަތަމަ ފޮޓޯ

12/05/2021

Admin


ޝެއަރ

މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ފޮޓޯ އެއް އާންމުކޮށްފިއެވެ.

މިރޭ އާންމު ކުރި ފޮޓޯއަކީ އެމަނިކުފާނަށް ޚިދުމަތް ދެމުންދާ އޭޑީކޭގެ ނަރުހުންނާއެކު ނަގާފައިވާ ފޮޓޯއެކެވެ. މަޢޫލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ އެއީ މިރޭގެ އިރާކޮޅު ގެންނެވި ފޮޓޯއެކެވެ. ފޮޓޯއިން ރައީސް ނަޝީދުގެ މޫނުފުޅަށް ލިބިފައިވާ އަނިޔާ ފެނެއެވެ. އަދި އަރިހުގައި ތިބީ އޭޑީކޭގެ 4 ނަރުހުންނެވެ. އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެ ފޮޓޯ އާންމުކުރެއްވީ އެއްނޫނެވެ. ބަޔަކު ލީކު ކޮށްލީއެވެ.

މި ފޮޓޯއަށްފަހު ރައީސް ނަޝީދު މިރޭވަނީ އަމިއްލަފުޅު ޓުވިޓަރ އެކައުންޓުން ޓުވީޓުވެސް ކުރައްވާފައެވެ. ޓުވީޓުގައި ވިދާޅުވީ ރައްޔިތުން އެދޭ ހެޔޮވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ފިޠުރު ޢީދުގެ ތަހުނިޔާ ވަނީ ފޮނުއްވާ, ސިއްޚީ ދާއިރާގެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓު ކަމަށްވާ އެލެކްސް އެކައުންޓުންވެސް މިރޭ ޓުވީޓު ކުރެއްވިއެވެ. ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ މަރުމަތީގައިވެސް އެމްއެމްޕީއާރސީގެ މައްސަލަ ބަލާނެކަމަށެވެ. އަދި އެކަން ނުކުރެވޭނެ ކަމަށް ބުނާ މީހުންގެ ބަސްތައް ދޮގު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވީޑިއޯ ކޯލް ކުރައްވަނީ


އެމްއެމްޕީއަރސީގެ މައްސަލައިގެ ރިޕޯޓު ކޮމިޓީއަށް ހުށަހެޅި ބައްދަލުވުމުގައި ރައީސް ނަޝީދުވަނީ ވިޑިއޯ ކޯލް ކުރައްވާ މަޢޫލޫމާތު ސާފުކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އެމްއެމްޕީއާރސީގެ ފައިސާ ލިބުނު ނުވަތަ އެފައިސާގެ މަންފާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓު އާންމުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި