ރާއްޖެރައްޔިތުންގެ މަޖިލިސް

އީސަގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ: އެމްޑީޕީ

20/05/2021

Admin


ޝެއަރ

އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް އިންސާފުވެރި ޖިނާޢީ ތަހުގީގެއް ހިންގަންޖެހޭ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުޙުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ އެ ޢަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާހިނދު، އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް އަވަހަށް ހިންގައި ދިނުމަށް ގޮވާލާ ކަމަށެވެ. އަދި ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ ޢަމަލުތަކަކީ އެމްޑީޕީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ އަމަލުތަކެއް ނޫންކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ މެދުގައާއި އަދި ޖިނާޢީ ތަޙްޤީޤު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން ކުރަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.

"އަޙްމަދު ޢީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލާގައި މި ޕާރޓީން މިއަދުވަނީ މިޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމިގޮތަަށް، އެ މައްސަލައިގެ ޖިނާޢީ ތަޙްޤީޤު ނިމެންދެން، މި ޕާރޓީގެ ޤައުމީ މަޖިލީހުންނާއި، ޕާރޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް ނިންމާފައެއެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އީސަ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އޭނާ ވަނީ ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

އީސާގެ މައްޗަށް ކުރެވެނީ އޭނާގެ އަނބިކަނބަލުންނަށް އަނިޔާކޮށް 2 އަހަރުގެ ތުއްތު ދަރިފުޅު ބެލްކަނީން އެއްލާލަން އުޅުމުގެ ތުހުމަތެވެ. އަދި އަނބިކަނބަލުންނަށް އަނިޔާކުރާ އަޑު އިވިގެން އަވައްޓެރިން ފުލުހުންނަށް ގުޅާ ފުލުހުން ގޮސް އަނބިކަނބަލުން ޑޮކްޓަރަށް ދެއްކި ކަމަށް އަވައްޓެރިއަކު ކިޔައިދިނެވެ. އީސަގެ އަނބިކަނބަލުން މިއަދު ވަނީ ފުލުުހުންނަށް ބަޔާންވެސް ދެއްވާފައެވެ.

މެންބަރު އީސާ ކައިވެނިބައްލަވައިގެން އުޅުއްވަނީ ނައިބު ރައީސްގެ ކޮއްކޯފުޅު އަސްރާ ނަސީމްއާއެވެ.

ހިޔާލު


ގުޅުންހުރި