ރާއްޖެސަރުކާރު

ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމައިފި

25/05/2021

Admin


ޝެއަރ

ކޮވިޑުގެ ހާލަތު ގޯސްވެ މާލޭ ސަރަހައްދު ދެ ވަނަ ފަހަރަށް ފުރަބަންދު ކުރަން ނިންމާފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ލިއު ދިނުމަށް, ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ސަރުކާރުން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވީ ރާއްޖޭގެ ހުރިހާ ގެއެއްގެ ފެން ބިލުން 30 ޕަސެންޓު އަދި ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުން ދޭން ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ވިޔަފާރި ތަކުގެ ބިލުތަކުންވެސް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. ވިޔަފާރި ތަކުގެ ފެން ބިލާއި ކަރަންޓު ބިލުންވެސް 20 ޕަސެންޓު ޑިސްކައުންޓު ލިބޭނެއެވެ.

ޑިސްކައުންޓުތައް އިއުލާން ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ރައްޔިތުންގެ ރައްކާތެރިކަމާއި ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫ ދަނޑިވަޅުގައި, ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން އަދިވެސް އިތުރު އެހީ ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފުސީލު ދެއްވިއެވެ. އަދި ބަލި ކޮންޓްރޯލް ކުރެވޭނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކޮށްގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަނީ ކޮންޓްރޯލް ނުވެ ބޮއްސުންލާ ފައެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މަތިވެ ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން ވަނީ މާދަމާ އިން ފެށިގެން މާލެ ސަރަހައްދު އަނެއްކާވެސް ފުރަ ބަންދުކުރަން ނިންމާފައެވެ.

ހިޔާލު


ގުޅުންހުރި