ރާއްޖެރައްޔިތުންގެ މަޖިލިސް

ނަޝީދުގެ ސެކިއުރިޓީ ދައުލަތަށް ހަމަޖެއްސުނީ ޖަލުގައި

28/05/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ ދައުލަތަށް އެންމެ ރަނގަޅަށް ބެލެހެއްޓޭނީ ގާމާދޫއާއި މާފުށީ ޖަލުގައި ކަމަށް ރައީސް ނަޝީދުގެ ޢާއިލާއިން ބުނެފިއެވެ.

ރައީސް ނަޝީދުގެ ބޭބޭފުޅު ނާޝިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާމާދޫ އާއި މާފުށީގައި ރައީސް ނާޝީދުގެ ސެކިއުރިޓީ އެންމެ ރަނގަޅަށް ދައުލަތަށް ބެލެހެއްޓޭނެ ކަމަށާއި އެމްއެންޑީއެފް އިން ދެކޭ ހައްލަކީ އެއީ ތޯ ސުވާލު ކުރައްވާފައެވެ. ނާޝިދު މި މޭރުމުން ޓުވީޓު ކުރެއްވީ, ރައީސް ނަޝީދުގެ ސެކިއުރިޓީ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގޭގައި ބެލެހެއްޓުން އުނދަގޫވާނެކަން އެމްއެންޑީއެފްއިން އެންގިކަމަށް ބުނެ މިހާރު ނޫހަށް އެމްއެންޑީއެފްގެ ބޭފުޅަކު ދެއްވި މައުލޫމާތާ ގުޅިގެންނެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން މިހާރު ނޫހުގައި ލިޔެފައިވާ ލިޔުމުގައި ނަން ހާމަނުކުރާ ސިފައިންގެ ބޭފުޅަކުވަނީ ރައީސް ނަޝީދުގެ ގެކޮޅާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ހާމަކުރައްވާފައެވެ. އަދި ކެނެރީގެ ހުރި މަގާއި އެެ ގެ ކުރިގޮތުން އެގޭގައި ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމަނީ 'އިންޕޮޒިބަލް' ކަމެއްގެ ގޮތުގައި ސިފަކޮށް އެކަން ރައީސް ނަޝީދަށް އެންއެމްޑީއެފްއިން އެންގިކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާއާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ ބޭފުޅުން ބޭއްވެވި ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތައްވެސް ނޫހަށް ކިޔައިދީފައިވެއެވެ. އަދި އެމަނިކުފާނަށް ބަޔަކު ފާރަލަމުންދާ ކަމާއި އެކަމުގެ މަޢުލޫމާތުވެސް އެމަނިކުފާނަށް އެމްއެންޑިއެފްއިން އެރުވިކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދު ސެކިއުރިޓީ ޕްރޮޓޮކޯލްތަކަށް ބޯނުލަނބާ, ޕްރޮޓޮކޯލްއާ ޚިލާފަށް ބައެއް ކަންކަން ކުރައްވާ ކަމަށާއި އެކަމުގެ ސަބަބުން ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫވާކަމުގެ ޝަކުވާތައް ބޮޑީގާޑުން ކުރާކަމަށް ބަޔާންކޮށްފައިއެވެ. ކެނެރީގެއަށް ރައީސް ނަޝީދު ބަދަލުވުމުގެ ކުރިން އެ ގޭގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދާ އެ ގޭގައި ހުރި ސެކިއުރިޓީ މައްސަލަތައް ތަފުސީލޮށް ހާމަކޮށް ކިޔައިދިން ކަމަށް ބުނެފައިވެއެވެ. އަދި ދެން ރައީސް ނަޝީދު އެނބުރި ވަޑައިގެން އެ ގޭގައި ނުހުއްނަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ނަޝީދު ކުރިން ދިރިއުޅުއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީގެ ގެ ގެކޮޅު ކަމަށްވާ މ. ޔާގޫތުގޭގަ އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު ރައީސް ނަޝިދުވަނީ އެމިއްލަ ގެކޮޅު ގ. ކެނެރީގެއަށް ބަދަލުވެވަޑައިގެންފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން 06 މޭ 2021 ގައި ދިން ހަމަލާ އަމާޒުވީ, އެމަނިކުފާނުގެ ގެއިން ނިކުމެވަޑައިގެން ހިންގަވާފަ މަޖިދީމަގުގައި ޕާކްކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތު, އެސަރަހައްދުގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެންނެވެ. މިހަމަލާގައި އެމަނިކުފާނު ވަަރަށް ބޮޑަށް ޒަޙަމްވެ ލިނުބުނު ޒަޙަމްތަކަށް އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ.

ހިޔާލު


ގުޅުންހުރި