ރާއްޖެސަރުކާރު

އެމެރިކާއިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާކޮށްފި

04/06/2021

Admin

އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ސިއްހީ ސާމާނު - ފޮޓޯ: އެމެރިކާގެ އެމްބަސީ


ޝެއަރ

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް ސިއްހީ ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.

އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ބޭނުންވާ ސާމާނާއި އޮކްސިޖަން ހުރި މިންވަރު ދެނެގަތުމަށް ބޭނުންވާ ބައެއް އާލާތްތަކެވެ. ކޮލަންބޯގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 32,000 މާސްކާއި 4,000 ގޮގުލް އަދި 256,000 އަންގިވެސް ހިމެނޭ ކަމަށެވެ.

އެމެރިކާއިން ހަދިޔާކުރި ތަކެތި ދިވެހި ސަރުކާރާ ހަވާލުކުރީ މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކޮލަންބޯގައި ހުންނަ އެެމެރިކާ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން މާޓިން ކެލީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ތަކެއްޗާ ހަވާލުވީ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމެރިކާއިން ހަދިޔާކުރި ސާމާނު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ


ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއިން ވަނީ ރާއްޖެއަށް މީގެ ކުރިންވެސް ގިނަ އެހީތައް ފޯރުކޮށްދީފައެވެ. އެގޮތުން 60 ވެންޓިލޭޓަރުގެ އިތުރުން 2.7 މިލިއަން ޑޮލަރުގެ ތަކެތީގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އެމެރިކާ އެމްބަސީން ބުނެއެވެ. އަދި އިއްޔެ އެމެރިކާއިން ވަނީ އެޤައުމުން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައެވެ.

ހިޔާލު


ގުޅުންހުރި