ރާއްޖެރައްޔިތުންގެ މަޖިލިސް

ޕާލަމެންޓަރީ އިންކުއައިރީއަށް ފުރަތަމަ ހާޒިރުކުރީ ޕޮލިސް ކޮމިޝަނަރު

05/06/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ ފުރަތަމަ ހާޒިރުކުރުމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ހާޒިރުކޮށްފިއެވެ.

މަޖިލީހުން ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ސީޕީ މުޙައްމަދު ހަމީދު ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ. އިންކުއައިރީގެ ފުރަތަމަ ހާޒިރުކުރުން މިހާރު ކުރިއަށްދާއިރު, ފުލުހުންވަނީ މަޖިލީހުގެ ޕާލަމެންޓަރީ އިންކުއައިރީއަށް ވަކިވަކި ފުލުހުން ހާޒިރުވެ ޖަވާބުދާރީ ވުމަށް ނިންމާފައެވެ.

ފުލުހުން މިގޮތަށް ނިންމާފައިވާއިރު ވަކިވަކި ސިފައިންގެ އޮފިސަރުން މަޖިލީހަށް ހާޒިރު ނުކުރެވޭނެކަމަށް ބުނެ އެމްއެންޑީއެފްއިން ވަނީ ވަކިވަކި އޮފިސަރުން ފޮނުވުމަށް ދެކޮޅުހަދާފައެވެ. ޤަނޫނު އަސާސީއާއި ސިފައިންގެ ޤާނޫނަށް ހަވާލާދީ އެމްއެންޑީއެފް އިން ނެރުނު ދިގު ބަޔާނެއްގައި ބުނީ, މަޖިލީހުން ކުރިއަށް ގެންދާ އިންކުއައިރީއަށް ސިފައިން އެއްބާރުލުން ދޭނެކަމަށެވެ. ނަމަވެސް މަޖިލީހަށް ޖަވާބުދާރީ ވާނީ ސިފައިންގެ މުއައްސަސާއިން ކަމަށާއި ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު މިއަދު ކޮމިޓީއަށް ހާޒިރުވަނީ - ފޮޓޯ: މަޖިލިސް


އެމްއެންޑީއެފްގެ ބަޔާނަށް ރައްދު ދެއްވާ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަރާލުމަށް ބޮން ގޮއްވާލިއިރު ކައިރީގައި ތިބި މޮޅު ސިފައިންގެ ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އާދައިގެ ސިފައިން ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް ސިފައިންގެ އިސްވެރިންް އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ.

ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީ, 241 އިން މިހާރު ވަނީ އިންކުއައިރީގައި މަޢުލޫމާތު ސާފުކުރުމުގެ މަރުޚަލާ ނިންމާ ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުގެ މަސައްކަތް މިއަދު ފަށާފައެވެ.

ހިޔާލު


ގުޅުންހުރި