ރާއްޖެސަރުކާރު

މަޖިލީހުގެ އިންކުއައިރީއަށް ޗީފް އޮފް ޑިފެންސް ފޯސް ހާޒިރުކޮށްފި

06/06/2021

Admin

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލް މިއަދު ކޮމިޓީގައި ވާހަކަ ދައްކަވަނީ


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, އެމަނިކުފާނަށް ސަލާމަތީ ބާރުތަކުން ދެމުންގެންދާ ރައްކާތެރިކަން ފޫއަޅުވާލިގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލް ހާޒިރުކޮށްފިއެވެ.

މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލް 241 ކޮމިޓީއަށް ހާޒިރުކުރީ މިއަދު މެންދުރު 13:00 އަށެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ހެނދުނު ބޭއްވި ބައްދަލުވުންތަކަށް ޕްލޭނިންގ މިނިސްޓަރ އަސްލަމްއާއި ކުރީގެ މޭޔަރ ޝިފާވަނީ ހާޒިރުކޮށްފައެވެ. މިއަދު މެންދުރުފަހު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް ވެސް ހާޒިރުކުރުމަށް ވަނީ ތާވަލްކޮށްފައެވެ. އަދި އިއްޔެ ބެއްވި ބައްދަލުންތަކަށް ސީޕީ ހަމީދުއާއި ފުލުހުންގެ އިސް ދެ އޮފިސަރަކުވަނީ ޖަވާބުދާރީވެފައެވެ.

މަޖިލީހުގެ އިންކުއައިރީއަށް ފުލުހުން ޖަވާބު ދާރީވެފައިވާއިރު ވަކިވަކި ސިފައިންގެ އޮފިސަރުން މަޖިލީހަށް ހާޒިރު ނުކުރެވޭނެކަމަށް ބުނެ އެމްއެންޑީއެފްއިން ވަނީ ވަކިވަކި އޮފިސަރުން ފޮނުވުމަށް ދެކޮޅުހަދާފައެވެ. ޤަނޫނު އަސާސީއާއި ސިފައިންގެ ޤާނޫނަށް ހަވާލާދީ އެމްއެންޑީއެފް އިން ނެރުނު ދިގު ބަޔާނެއްގައި ބުނީ, މަޖިލީހުން ކުރިއަށް ގެންދާ އިންކުއައިރީއަށް ސިފައިން އެއްބާރުލުން ދޭނެކަމަށެވެ. ނަމަވެސް މަޖިލީހަށް ޖަވާބުދާރީ ވާނީ ސިފައިންގެ މުއައްސަސާއިން ކަމަށާއި ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި