ރާއްޖެސަރުކާރު

ރައީސް ނަޝީދަށް ދިން ހަމަލާއާށް ފަންޑުކުރި ބަޔަކު ހޯދޭނެ: ފުލުހުން

06/06/2021

Admin

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު - ފޮޓޯ: ޕޮލިސް


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށް ފަންޑުކުރި ބަޔަކު ވާނަމަ އެބަޔަކު ފުލުހުން ހޯދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ހަމަލާއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުންހުރި މީހުންގެ ފައިސާގެ މުޢާމަލާތްތަކުގެ ތަފުސީލު ހޯދަމުންދާކަމަށެވެ. އަދި ބަޔަކު ފަންޑުކުރި ކަމަކަށްވާނަމަ އެބަޔަކު ހޯދާނެކަމަށާއި އެކަމުގެ ޤާބިލްކަން އެބަހުރިކަމަށެވެ. ފައިސާގެ މުޢާމަލާތްތައް ތަހުޤީޤުކުރަނީ އެމެރިކާގެ ތަޖުރިބާކާރެއްގެ އެހީއާއެކުގައެވެ. ނަމަވެސް މިއީ ބަޔަކު ފަންޑުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ފުލުހުން ސީދާ ވިދާޅެއް ނުވެއެވެ.

"އަޅުގަނޑުމެންގެ ޔަޤީންކަން އެބައޮތް އެފަދަ ކަމެއް ހިނގާފަ އޮތީޔާ އެކަންކަން ހޯދޭނެ" ބަޝީރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ގިނަ ސުވާލުތަކަށް ޖަވާބު ދިނުމަށް ފުލުހުންވަނީ އުޒުރުވެރިވެފައެވެ. އެގޮތުން މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ ބަޔާންތައް ބަދަލުކުރުމާއި ތަހުޤީޤަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބެއްނުދެއްވައެވެ. ނަމަވެސް ފުލުހުން ވިދާޅުވީ މިހާތަނަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖްތަކުން މުހިންމު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ތަފްސީލްތައް ހާމަ ނުކުރަނީ ތަހުގީގު ބައްޓަންކޮށްފައިވާ ގޮތުން ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ ބޮމުގެ ހަމަލާއާއި ހައްޔަރުކޮށްފައިވާ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުމެއްވޭތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް ތަފުސީލެއް ނުދެއްވައެވެ.

މީގެ އެއްމަސްކުރިން 6 މޭ ގައި ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަޚަމްވިއެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަމަލާއާ ސީދާ ގުޅުންހުރި 4 މީހުންނާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި ހައްޔަރު ކުރި 10 މީހުންނެވެ.

ހިޔާލު


ގުޅުންހުރި