ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއް އޮތްކަމަކަށް ފާހަގައެއް ނުކުރެވޭ: އަސްލަމް

07/06/2021

Admin


ޝެއަރ

ޑިފެންސް މިނިސްޓްރީގެ ނައިބު އަލްއުސްތާޛު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ނާގާލާފައިވާ ކަމަށް ބުނެ ދަޢުވާކުރަން ހުށަހަޅާފައިވާއިރު، އެފަދަ މައްސަލައެއް ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީއަށް ފާހަގަ ނުކުރެވޭ ކަަމަށް ކޮމިޓީގެ މުޤައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެެއެވެ.

ސަލަމާތީ ޚިދުމަތްތަކާބެހޭ ކޮމިޓީ، 241 އިން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއާ ގުޅޭގޮތުން މަޢުލޫމާދު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިމްތިޔާޒުގެ މައްސަލަ މިހާރަށް ވުރެ ބޮޑަށް މަޖިލީހުގައި މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އަދި އިމްތިޔާޒު ނަގާލިތޯ ނުވަތަ ނޫންތޯ ނިންމަންވާނީ މައްސަލަ ހުށަހެޅުމުގެ ކުރިން މަޝްވަރާ ކުރުމަށްފަހުކަމަށެވެ.

"އިމްތިޔާޒަށް އަރިގަނެފިތޯ ނުވަތަ ނޫން ތޯ. އިމްތިޔާޒުގެ މައްސަލައެއް އެބަ އޮތްތޯ ނުވަތަ ނޫންތޯ މިއަށްވުރެ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއް ރޭ ދަންވަރު ކޮމިޓީއެއް ބާއްވާފަ، އިމްތިޔާޒުގެ މައްސަލަ އެއް މައްސަލަ އަމާޒުކުރަންވީ ކޮންފަރާތަކަކަން ސާފުނުވާގޮތަށް މިކަންކަން ކުރެވިގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިމްތިޔާޒުގެ މައްސަލައެއް 241 ކޮމިޓީއިން ފާހަގަ ނުކުރައްވާ ކަމަށާއި އެފަދަ މައްސަލައެއް އެހެން ކޮމިޓީއަކަށްވެސް ހުށަނާޅުއްވާ ކަމަށެވެ. އިމްތިޔާޒުގެ މައްސަލައިގަ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްއާވެސް މަޝްވަރާ ކުރެއްވިކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައިގައި ގޮތެއް ނިންމަވާނީ މަޖިލީހުގެ ރައީސް ކަމަށާއި އެކަމަށް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ.

އަސްލަމް މިހެން ވިދާޅުވި އިރު ޒަމީލްގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ. އަދި ރޭ ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި މައްސަލަ ވަނީ ކޮމިޓީން ބޭރުކޮށްލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު އަލްއުސްތާޛު ޙަސަން ޒަމީލްގެ މައްޗަށް ދަޢުވާކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއައިރީއަށް ވަކިވަކި ސިފައިން ނުފޮނުވާނެކަން ބަޔާންކޮށް ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެންނެވެ. ޑިފެންސުން ފޮނުވި ސިޓީގައި ސޮއިކޮށްފައިވަނީ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލްއެވެ.

ޙަސަން ޒަމީލްގެ މައްޗަށް ދަޢުވާކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭގެ ޖަވާބުގައި ޕީޖީ ލަފާދެއްވީ އެ މައްސަލަ ތަހުޤީޤުކުރުމަށް ޕޮލިހަށް ހުށަހެޅުމަށެވެ.

ހިޔާލު


ގުޅުންހުރި