ރާއްޖެރައްޔިތުންގެ މަޖިލިސް

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހާޒިރުކޮށް ސުވާލުކޮށްފި

07/06/2021

Admin

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, އެމަނިކުފާނަށް ސަލާމަތީ ބާރުތަކުން ދެމުންގެންދާ ރައްކާތެރިކަން ފޫއަޅުވާލިގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

ޒަކަރިއްޔާ މަންސޫރު 241 ކޮމިޓީއަށް ހާޒިރުކުރީ މިއަދު މެންދުރު 14:00 އަށެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުންތައްވެސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ޒަކަރިއްޔާގެ އިތުރުންވެސް ސިފައިންގެ ބޭފުޅަކު މިއަދު ހަވީރު ހާޒިރުކުރިއެވެ. އަދި އިއްޔެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލްއާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހާޒިރުކޮށްވަނީ ސުވާލުކޮށްފައެވެ.

ސަލަމާތީ ޚިދުމަތްތަކާބެހޭ ކޮމިޓީ، 241 އިން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއާ ގުޅޭގޮތުން މަޢުލޫމާދު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ފަރާތްތަތައް ހާޒިރުުކުރަމުންދާ ކަމަށާއި އެކަމުގެ ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އަދި މިހާތަނަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ހާޒިރުކުރުމަށް ކޮމިޓީން ނުނިންމާ ކަމަށާއި ނަމަވެސް މާރިޔާވެސް އަަދި ހޯމް މިިނިސްޓަރ ޝައިޙް އިމްރާން ޢަބްދުﷲވެސް ހާޒިރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި