ރާއްޖެރައްޔިތުންގެ މަޖިލިސް

ދަންޖައްސަންޖެހޭ ކަމަށް ބުނެ ހިސާންއަށް އިންޒާރު ދިނުމުން ސިޔާމްގެ މައްސަލަ މަޖިލީހަށް

07/06/2021

Admin


ޝެއަރ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމަށްފަހު މީދޫ ދައިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާ ދެމެދު ކުރި ޒުވާބެއްގައި ހިސާން 'ދަންޖައްސާލިޔަސް ފާފަވެރި ނުވާނެ' ކަމަށް ސިޔާމް ބުނުމުން, ރައްކާތެރި މާހައުލެއްނެތްކަން ފާހަގަކޮށް އެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހިސާން މިރޭ މަޖިލީހަށް ފޮނުވި ސިޓީއެއް ގައި ބުނެފައިވަނީ ކޮމިޓީ ބައްދަލުވުމަށްފަހު ދަންޖައްސަންޖެހޭ ކަމަށް ބުނެ އަހުމަދު ސިޔާމް އިންޒާރު ދީފައިވާ ކަމަށާއި, އޭނާ އަކީ މަޖިލީހުގައި މަސައްކަތް ކުރާ މީހެއް ކަމުން އެތަނުގައި ރައްކާތެރި މާހައުލެތް ނެތްކަން ފާހަގަކޮށްފައިވެއެވެ.

ހިސާންއަށް އިންޒާރު ދިން މައްސަލައެއް މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާކަން މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ޙަސަން ޒިޔާޢު ކަށަވަރު ކޮށްދެއްވިއެވެ. އަދި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މަޖިލީހުން އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާން ދަންޖައްސާލިއަސް ފާފަވެރި ނުވާނެކަމަށް ސިޔާމް ބުނާ އޯޑިއޯއެއް ވަނީ އާންމުވެފައެވެ. ވަރަށް ނުސާފު ކުރު މި އޯޑިއޯގައި ސިޔާމް ހިސާންއަށް އަމާޒުކޮށް ވާހަކަ ދައްކާ އަޑުއިވެެއެވެ. އިތުބާރު ހުރިގޮތަކަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އިއްޔެ ބޭއްވި 241 ކޮމިޓީ ބައްދަލުވުމަށްފަހު ސިޔާމްއާއި ކޮމިޓީގެ އެހެން މެންބަރުންނާ ދެމެެދު ހިނގި ޒުވާބެކެވެ. އެ ޒުވާބުގައި ހިސާންގެ އިތުރުން އެހެން މެންބަރުނާ ދިމާލަށްވެސް ސިޔާމް ހަޅޭއްލަވާ ޒުވާބުކޮށް ހަދާފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ސިޔާމް ބައެއް މީޑީއާތަކަށް ވިދާޅުވީ ހިސާން އާ ދެމެދު ޖުޑީޝިއަލް ސާރވިސް ކޮމިޝަންގެ މަސައްކަތްތަކާ މެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދެކެވުނު ކަމަށެވެ. ނަމެވެސް އޭނާ އަކީ އެއްވެސް ރައްޔިތަކަށް އަނިޔާވެރިވާން އެދޭނެ މީހެއް ނޫންކަމަށާއި 'ދަންޖައްސަން ޖެހޭ' ކަމަށް ބުނެވުނަސް އެއީ އެމާނާގައި ބުނި އެއްޗެއް ނޫންކަމަށެވެ.

ހިޔާލު


ގުޅުންހުރި