ރާއްޖެސަރުކާރު

މިއީ ހަލަބޮލި ކުރަންވީ ވަގުތެއް ނޫން: ރައީސް

08/06/2021

Admin


ޝެއަރ

މިވަގުތަކީ ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލި ކުރަންވީ ވަގުތު ނޫންކަމަށާއި ސަމާލުކަންދޭންޖެހޭ މުހިއްމު ވަރަށް ގިނަކަންކަން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއިރީއަށް ވަކިވަކި ސިފައިން ނުފޮނުވަން މަސައްކަތް ކުރައްވަނީ ރައީސް ސޯލިހު ކަމަށް ތުހުމަތުކޮށް އެމްޑީޕީ ތެރޭގައި އުފެދިފައިވާ މައްސަލަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ސޯލިހް ވިދާޅުވީ، އިންތިޚާބު ތަކުގައި ލިބިފައިވާ ނަތީޖާތަކަކީ ސަރުކާރާއި ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ލިބުނު ނަތީޖާއެއް ކަމަށެވެ. އަދި އެ މަސައްކަތުގައި ރައީސް ނަޝީދު އިސްދައުރެއް އަދާކުރެއްވިކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ވިވަގުތަކީ ރާއްޖެ ހަލަބޮލި ކުރަންވީ ވަގުތެއް ނޫންކަމަށާއި އެއަށްވުރެ މާ މުހިއްމު ކަންކަން އެބަހުރި ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ އިންކުއައިރީއަށް ވަކިވަކި ސިފައިން ފޮނުވަން ދެކޮޅު ހައްދަވަނީ ރައީސް ސޯލިހް ކަމަށް ތުހުމަތުކޮށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ބޮމުގެ ހަމަލާގެ ވަށައިގެން ހުރި ކަންކަމުގެ ވާހަކަ ދައްކައިގެންގޮސް މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތަށް ނުހެއްދެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އިންކުއައިރީއަށް ހުރަސްއަޅުއްވަން މަސައްކަތް ކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް، އެކަން އެމަނިކުފާނު ނުކުރައްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ސޯލިިހް ވިދާޅުވިއެވެ.

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް ހުރަސް ނާޅާނެ ކަން، އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސް" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު، މަޖިލީހުގެ އިންކުއައިރީއަށް ވަކިވަކި ސިފައިން ފޮނުވުމަށް ދެކޮޅުހެދި މައްސަލައިގަ، ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ކޮމިޓީން ބޭރު ކުރުމުގައި ރައީސް ސާލިހުގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ލޮބީކުރެއްވި ކަމަށް ބުނެ އެމްޑީޕީގެ ރައީސް ނަޝީދަށް ތާޢީދުކުރައްވާ ބޭފުޅުން ދަނީ ފާޑުކިޔަމުންނެވެ. އަދި ވަކިވަކި ސިފައިން ނުފޮނުވަން ބާރުއަޅުއްވަނީ ރައީސް ސާލިހް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު މެދުވެރިކޮށް މެސެޖެއް ފޮނުއްވާފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ސާލިހް ފެކްޝަންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި ކޮމިޓީން މައްސަލަ ބޭރު ކުރުމަށް ވޯޓު ދިން އެމްޑީޕީ މެންބަރުންނަށްވެސް ސޯޝަލް މީޑިއާގައިވެސް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ހިޔާލު


ގުޅުންހުރި