ރާއްޖެރައްޔިތުންގެ މަޖިލިސް

އެސްޕީޖީގެ ކުރީގެ ކޮމާންޑަރާއި އިތުރު ސިފައިން މަޖިލީހަށް ހާޒިރުކޮށްފި

09/06/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކުރީގެ ކޮމާންޑަރު ކާނަލް ނަސްރުﷲ އިބްރާޙީމް މަޖުދީއާއި އިތުރު ސިފައިން މިއަދު ހާޒިރުކޮށްފިއެވެ.

ނަސްރުއްﷲ ގެ އިތުރުން ލެފްޓިނެންޓް ކާނަލް އިސްމާޢީލް ފަރުވީންވެސް މިއަދު ހާޒިރުކުރިއެވެ. އަދި އިއްޔެވެސް ސިފައިންގެ ބައެއް އޮފިސަރުން ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

ވަކިވަކި ސިފައިން ހާޒިރުކޮށް މަޖިލީހުން ސުވާލު ކުރަމުންދާއިރު، އެމްއެންޑީއެފްއިން މީގެ ކުރިންވަނީ ވަކިވަކި ސިފައިން ހާޒިރުނުވާނެކަމަށް އަންގާފައެވެ. އެކަން ހާމަކޮށް އެމްއެންޑީއެފްއިން ޤާނޫނު އަސާސީއަށާއި ސިފައިންގެ ޤާނޫނަށް ހަވާލާދީ ނެރުނު ބަޔާނުގައި ބުނީ މަޖިލީހުން ކުރިއަށް ގެންދާ އިންކުއައިރީއަށް ސިފައިން އެއްބާރުލުން ދޭނެކަމަށެވެ. ނަމަވެސް މަޖިލީހަށް ޖަވާބުދާރީ ވާނީ ސިފައިންގެ މުއައްސަސާއިން ކަމަށާއި ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެ ކަމަށެވެ.

ޕާލަމެންޓަރީ އިންކުއައިރީގައި ލެފްޓިނެންޓް ކާނަލް ޑރ. މިރާޒް މުޙައްމަދުފުޅު ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް


ނަމަވެސް މިހާރު ސިފައިންގެ އެ ނިންމުމާ ޚިލާފަށް ވަކިވަކި ސިފައިން ދަނީ ހާޒިރުކުރަމުންނެވެ. އަދި ނިންމުން ބަދަލުކުރި ސަބަބެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 29 ސިފައިން ކޮމިޓީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. އަދި އެކަން ކޮމިޓީގެ ކުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ.

ހިޔާލު


ގުޅުންހުރި