ރާއްޖެރައްޔިތުންގެ މަޖިލިސް

އިންކުއައިރީއަށް ރައީސް ނަޝީދުގެ ބޮޑީގާޑުން ހާޒިރުކޮށްފި

13/06/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ރައީސް މުޙައްމަދު ނަޝީދުގެ ބޮޑީގާޑުން ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް ދެމުންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލިގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ރައީސް ނަޝީދުގެ ބޮޑީގާޑުން ހާޒިރުކުރީ އިއްޔެއާއި މިއަދުއެވެ. މަޖިލީހުން ޓުވީޓުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޮޑީގާޑުންނަށް ކޮމިޓީ މެންބަރުން ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އަދި ކޮމިޓީ ބައްދަލުވުމަށްފަހުވެސް މެންބަރުން ބޮޑީގާޑުންނާ ސަލާމްކުރައްވާ އެބޭފުޅުންނާއެކު ވަގުތު ހޭދަކުރައްވާ މަންޒަރު ފެނެއެވެ.

241 ކޮމިޓީން ކުރިއަށް ގެންދާ ޕަލަމެންޓަރީ އިންކުއައިރީގެ ބައްދަލުވުންތައް ކުރިއަށްދަނީ ސިއްރުކޮށްގެނެވެ. ބައެއް ބޮޑީގާޑުން މަޖިލީހަށް ހާޒިރުވިއިރު، މި ވަގުތު ރައީސް ނަޝީދު އަރިހުގައި ޖަރުމަންގައި ތިބި ބޮޑީގާޑުންވެސް ވަނީ އޮންލައިންކޮށް ކޮމިޓީއަށް ބަޔާންދީ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދީފައެވެ.

ރައީސް ނަޝީދުގެ ބޮޑީގާޑު ސަރޖަންޓް އިލްހާމް އާދަމް ކޮމިޓީގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލިސް


ޕާލަމެންޓަރީ އިންކުއައިރީއަށް މިހާތަނަށް ސިފައިންނާއި ފުލުހުންގެ އިތުރުން ހައުސިން މިނިސްޓަރާއި ކުރީގެ މާލެ ސިޓީ މޭޔަރ ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރުވެސް ކޮމިޓީއަށް ހާޒިރުކުރާނެ ކަމަށް 241 ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ޕާލަމެންޓަރީ އިންކުއައިރީއަށް ވަކިވަކި ސިފައިން ހާޒިރުކުރަމުންދާއިރު، ވަކިވަކި ސިފައިން ހާޒިރު ކުރުމާމެދު ވަނީ ޚިޔާލު ތަފާތުވެފައެވެ. އަދި ވަކިވަކި ސިފައިން ހާޒިރުނުވާނެކަން ޑިފެންސް މިނިސްޓްރީން މީގެ ކުރިން މަޖިލީހަށް ވަނީ އަންގާފައެވެ. ނަމަވެސް މަޖިލީހަށް ހާޒިރުކުރަން ބޭނުންވާ 23 ސިފައިންގެ މަޢުލޫމާތު އެމްއެމްޑީއެފްއަށް ފޮނުވާފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ. އަދި މީގެ ތެރެއިން ބައެއް ސިފައިން މީހާރު ވަނީ ހާޒިރުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި