ރާއްޖެސަރުކާރު

ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއަރޕޯޓު ހިންގޭނެގޮތް ހަދައިފި

13/06/2021

Admin

މާފަރު އެއަރޕޯޓް


ޝެއަރ

ސައްތައިންސައްތަ ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއަރޕޯޓު ހިންގޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިސްލާހުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު ގެޒެޓްކުރިި މި އިސްލާހުގައި ވާގޮތުން 100 ޕަސެންޓް ބޭރު ކުންފުނިތަކަށް އެއަރޕޯޓު ހިންގުމާއި މެނޭޖުކުރުމާއި ގްރައުންޑް ހޭންޑްލިންގެ މަސައްކަތާއި އެއަރ ޓްރެފިކް ކޮންޓްރޯލްގެ މަސައްކަތް ކުރެވޭނެއެވެ. އެއަރޕޯޓު މެނޭޖްކުރުމުގެ ތެރޭގައި ޓަރމިނަލްގެ ފެސިލިޓީއާއި އެއަރވޭ ޓަމިނަލްގެ ހިދުމަތްވެސް ވަނީ ހިމަނާފައެވެ. ފްރައިޓުގެ ހިދުމަތް ފިޔަވާ އެއަރޕޯޓު ހިންގުމާއި އެއަރޕޯޓަކުން ދޭ މުހިއްމު ހުރިހާ ހިދުމަތެއް ހިމެނެއެވެ.

އިނީޝިއަލް އިންވެސްޓްމަންޓެއްގެ ގޮތުގައި 5 އަހަރުގެ ތެރޭގައި 5 މިލިއަން ޑޮލަރު އިންވެސްޓުކުރަންޖެހެއެވެ. ބޭރު ކުންފުނިތަކަށް އެއަރޕޯޓު ހިންގުން 50 އަހަރަށް ދެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި އިސްލާހު ގެނައުމުގެ ކުރިން އެއަޕޯޓުގެ މަސައްކަތް ކުރެވޭނީ ބޭރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަވެގެން 75 އިންސަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. މަދުވެގެން 25 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަންޖެހެއެވެ. ނަމަވެސް މި އިސްލާހުގެ ސަބަބުން ދިވެހިންގެ އެއްވެސް ހިއްސާއެއް ނެތި ބޭރުގެ ކުންފުނިތަކަށް އެއަރޕޯޓު އަޅާ، ހިންގާ އަދި މެނޭޖުކުރުމުގެ އިތުރުން އެެއަރޕޯޓުން ދޭ މުހިއްމު ޚިދުމަތް ދިނުމަށް މަގުފަހިވެގެން ދިޔައީއެވެ.

ފޮރިން ޑައިރެކްޓް އިންވެސްމަންޓް ޕޮލިސީ ސަރުކާރުން އިސްލާހު މިކުރީ ހަނިމާދޫ އެއަރޕޯޓު އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން ތައްޔާރު ވަމުންދާ ދަނޑިވަޅެއްގައެވެ. ހަނިމާދޫ އެއަރޕޯޓު ތަރައްޤީ ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުގެ އެއްބަސްވުމުގައި އަންނަ ޖުލައި މަހު ސޮއިކުރާނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ހިޔާލު


ގުޅުންހުރި