ރާއްޖެސަރުކާރު

ރާއްޖޭގެ އެއަރ ޓްރެފިކް ބަލަހައްޓާނީ ސަރުކާރުން: ފައްޔާޒު

14/06/2021

Admin


ޝެއަރ

ރާއްޖޭގެ އެއަރ ޓްރެފިކް އެއްވެސް ކުންފުންޏަކާއި ހަވާލުނުކުރާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައިޕީ)އަށް ގެނައި އިސްލާހުތަކާއި ގުޅިގެން ރައްޔިތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދަނިކޮށް، މިއަދު ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެވެސް އަދި ބޭރުގެ ކުންފުންޏަކާވެސް އެއަރ ޓްރެފިކް ހަވާލުު ނުކުރާނެކަމަށާއި އެކަން ކުރާނީ ދިވެހި ދައުލަތުން ކަމަށެވެ. އަދި އެފްޑީއައިޕީ އަށް ގެނައި އިސްލާހުން އޮޅޭ ގޮތް ވާނަމަ އަނެއްކާވެސް އަލުން އިސްލާހުކޮށް ސާފުކޮށް އެކަން ބަޔާންކުރާނެކަމަށެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު އިއްޔެ ސަރުކާރުން ގެޒެޓުކުރި އިސްލާހުގައި އެއަރ ޓްރެފިކާއި އެއަރޕޯޓު ހިންގުމާއި އަދި އެއަރޕޯޓުން ދޭ މުހިއްމު ހިދުމަތްތައް، ރާއްޖޭން ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ދެވޭނެކަން ބަޔާންކޮށްފައިވެއެވެ.


އިއްޔެ ގެޒެޓުކުރި މިިއިސްލާހުގެ ސަބަބުން ރާއްޖޭން ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނާ ކުންފުނިތަކަށް ރާއްޖޭގެ އެއަރ ޓްރެފިކާއި ރާއްޖޭގައި އެއަރޕޯޓުއަޅާ މެނޭޖްކޮށް އަދި އެރޕޯޓުންދޭ މުހިއްމު ހިދުމަތް ދެވޭނެއެވެ. މީގެ ކުރިން މި ޚިދުމަތް ދެވޭނީ މަދުވެގެން 25 އިންތައްސަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

މިި އިސްލާހަކީ ހަނިމާދޫ އެއަރޕޯޓު އިންޑިއާ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ކުރިކަމެއް ކަމަށް ބުނެ، ސަރުކާރަށް އިދިކޮޅު ޕާޓީތަކުންނާއި އާންމުން ކިޔަމުންދާ ފަޑުކިޔުންތަކަށް ރައްދު ދެއްވާ މިނިސްޓަރ ފައްޔާޒު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓު ހިންގާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއުގައި އަންނަ ޖުލައި މަހު ސޮއިކުރާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި