ރާއްޖެސަރުކާރު

މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފި

15/06/2021

Admin


ޝެއަރ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފިއެވެ.

މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން މާދަމާ އިން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަންތައްތަކުގެ ތޭރޭގައި ފަތިހު 4 އިން ހެނދުނު 8 އަށް އެކަނިކުރާ ކަސްރަތުތައް މަގުމަތީގައި ކުރެވޭގޮތަށް ހެދުމާއި ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ކުރުކުރުމާއި މިސްކިތްތަކުގައި ވަކިވަކިން ނަމާދު ކުރުމުގެ ހުއްދަ ދިނުން ހިމެނެއެވެ. ނަމަވެސް ހެނދުނު 8 އިން ހަވީރު 4އަށް ބޭރުގައި އުޅޭވޭނީ މިހާރު އަމަލުކުރާ ގޮތަށް ފުލުހުން ދޫކުރާ ފާސް ލިބިގެންނެވެ.

މީގެ އިތުރުން ސެލޫންތަކާއި ޖިމްތަކުން ޚިދުމަތް ދިނުމަށް އެކުލަވާލަންޖެހޭ ގައިޑްލައިން އެކުލަވާލާ، އެތަންތަނުން ހުށަހަޅާ ޕްލޭނާއެއް ގޮތަށް ޚިދުމަތް ދެވޭނެތޯ ޔަޤީން ކުރެއްވުމަށްފަހު ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ކޮސްޓްރަކްޝަންގެ ބައެއް މަސައްކަތް ކުރުމަށް ސިޓީ ކައުންސިލްގެ ހުއްދައާއެކު ހުއްދަ ދިނުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ދަތުރުފަތުރު ކުރުމަށް ލުއި ދިނުމަށް އަދި ނިންމާފައި ނުވާއިރު، ދެކުނު އޭޝިޔާގެ ޤައުމުތަކުން މީހުން ރާއްޖެ އައުމަށް ލުއި ދިނުމަށް ބޭނުންވާ ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޗްޕީއޭގެ ސްޕޯކްސްޕަރސަން ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އޮފީސްތަކާއި ސްކޫލްތައް ކުރިއަށްއޮތް ދެ ހަފުތާގައިވެސް ބަންދުވާނެ ކަމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާއެކު މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ މާލޭ ސަރަހައްދު ފުރަބަނދުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި