ރާއްޖެ

އެޑިޓާސް ގިލްޑް އުފައްދާ, ރައީސަކަށް ހިރިގާ ޒާހިރު

18/06/2021

Admin

އަހުމަދު ޒާހިރު - ފޮޓޯ: މީޑިއާ ކައުންސިލް


ޝެއަރ

މީޑިއާތަކުގެ އެޑިޓަރުންގެ ޖަމިއްޔާ, އެޑިޓާސް ގިލްޑް އުފައްދާ ޖަމިއްޔާގެ ފުރަތަމަ ރައީސަކަށް އަހުމަދު ޒާހިރު(ހިރިގާ) އިންތިޚާބު ކޮށްފިއެވެ.

މިއަދު ބޭއްވި ފުރަތަމަ އިންތިޚާބުގައި ޖަމިއްޔާގެ ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ 'ދަ ޕްރެސް'ގެ އަލީ ޝަމްއާން އާއި 'ވަން އޮންލައިން'ގެ ސިނާން އަލީއެވެ. އަދި ސެކްރެޓަރީ ޖެނެރަލް އަކަށް 'މިހާރު' ގެ އިސްމާޢީލް ނަސީރު އަދި ޓްރެޝަރާއަކަށް 'ރަސް އޮންލައިން' ގެ މިދުހަތު އާދަމް ވަނީ އިންތިހާބު ކޮށްފައެވެ.

ނޫސްވެރިކަމުގެ ދާއިރާއިން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކުވެސް ވަނީ ޖަމިއްޔާއަށް އިންތިޚާބު ކޮށްފައެވެ. އެއީ ވީޓީވީގެ ކުރީގެ ސީއީއޯ މުހައްމަދު އާސިފް އާއި ޗެނަލް13 ގެ ކުރީގެ ސީއީއޯ އިބްރާހީމް އުމަރު މަނިކުއެވެ.

އެޑިޓާސް ގިލްޑް އަކީ ކޮބާ!

އެޑިޓާސް ގިލްޑްއަކީ ނޫސްވެރިކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ކުރިއަރުވާ, ނޫސްވެރިކަމުގެ ދައިރާ ކުރިއެރުވުމުގެ މަޤްސަދުގައި މީޑިއާގައި މަސައްކަތް ކުރާ އެޑިޓަރުން ހިމެނޭ ޖަމިއްޔާއެކެވެ. ގިނަ ޤައުމުތަކުގެ އެޑިޓާސް ގިލްޑުގައި ދާއިރާގެ ތަޖުރިބާކާރުންނާއި ފާންނީ މާހިރުން ހިމެނެއެވެ. އަދި ނޫސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހުރިހާ އެޑިޓަރުން މަސައްކަތް ކުރެއެވެ.

އެޑިޓާސް ގިލްޑަށް އިންތިޚާބު ކުރާ އެޑިޓަރުން ނުވަތަ ދާއިރާގެ ތަޖުރިބާކާރުން ހޮވުމުގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިން ބައިވެރިއެވެ. ގިނަ ޤައުމުތަކުގައި ގިލްޑްގެ އިންތިޚާބުގައި ވޯޓު ދެވެނީ ނޫސްވެރިކަމުގެ ދާއިރާގައި މެދު ނުކެނޑި 3 އަހަރު މަސައްކަތް ކޮށްފައިވާ ފަރާތްތަކަށެވެ. ނަމަވެސް ރާއްޖޭގައި ވޯޓު ލެވެނީ 10 އަހަރު މެދު ނުކެނޑި މަސައްކަތް ކުރަމުންދާ ފަރާތްތަކަށެވެ.

އަހުމަދު ޒާހިރު (ހިރިގާ)

ރާއްޖޭގެ އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސަކަށް އިންތިޚާބު ކޮށްފައިވަނީ އަހުމަދު ޒާހިރު (ހިރިގާ) އެެވެ. އޭނާ އަކީ ރާއްޖޭގެ މީޑީއާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު އެޑިޓަރެކެވެ. ހަވީރު ނޫހާއި ސަން އޮންލައިންގެ އެޑިޓަރުކަން ޒާހިރު ވަނީ ކުރައްވާފައެވެ. ސަން އޮންލައިންގެ އެޑިޓަރުކަމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގަައެވެ.

ޤައުމީ ފެންވަރުގައި ނޫސްވެރިކަމުގެ ދާއިރާގެ އިނާމްތައް ހާސިލްކޮށްފައިވާ ހިރިގާ ޒާހިރުއަކީ އެހެން ނޫސްވެރިނެކޭ އެއްފަދައިން ސިޔާސީ ގޮތުން ފާޑުކިޔުންތަކާ ކުރިމަތިލާންޖެހުނު ބޭފުޅެކެވެ. ޚާއްސަކޮށް 7 ފެބުރުވަރީ 2012 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ޖުމްހޫރީ މައިދާނުގައި ކުރި މުޒާހަރާތަކުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުކޮށް އެމްޑީޕީގެ މެންބަރުން ޒާހިރުއަށް ވަރަަށް ބޮޑަށް ސޯޝަލް މީޑިއާގައި އަދިވެސް ފާޑުކިޔައެވެ. ނަމަވެސް އެކަން ދޮގުކުރައްވާ ޒާހިރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުކުރާ ފޮޓޯތަކަކީ އެދުވަހު އެތަނުގައި އެހެން މީހަކާއެކު ދިޔަ ދެ ބަސްވުމެއްގެ ފޮޓޯތަކެއް ކަމަށެވެ.

އެޑިޓާސް ގިލްޑް އުފެއްދުމުގެ އިތުރުން ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖަނަލިސްޓް އެސޯސިއޭޝަން އުފެއްދުމުގައިވެސް ޒާހިރު އިސްދައުރެއް އަދާކުރެއްވިއެވެ. އެޖަމިއްޔާގެ ފައުޑަރ މެންބަރެެއްގެ އިތުރުން އެޖަމިއްޔާގެ ރައީސްގެ މަޤާމުވެސް އަދާކުރެއްވިއެވެ. ނަމަވެސް ފަހުން އެޖަމިއްޔާގެ އެއްވެސް ހަރަކާތެއް ނެތި ގިނަ ދުވަސްވެފައިވަނިކޮށް, އަލުން ޖަމިއްޔާގެ އިންތިޚާބު ބާއްވާ މިހާރު ޖަމިއްޔާ ހިންގަމުންދަނީ މުޅިން އާ ހިންގާ ކޮމިޓީއަކުންނެވެ.

ހިޔާލު


ގުޅުންހުރި