ކޮލަމް

ލިޔުމުން އެންގި އެންގުމާއި ދުރަށްޖެހި ސިފައިންގެ މުއައްސަސާއިން ރައްޔިތުންގެ މަޖިލީހާ އެއްވިސްނުމަކަށް!

20/06/2021

އަލްއުސްތާޛު ޢަލީ އިބްރާހީމް


ޝެއަރ

ރައްޔިތުންގެ މަޖިލިސް އުފެދިފައިވަނީ ދިވެހި ރާއްޖޭގެ އާބާދީ ސިޔާސީ ދާއިރާތަކަކަށް ބަހައިގެން ހުރިހާ ދާއިރާތައް ތަމްސީލުވާގޮތަށް މެމްބަރުން ތިއްބަވާ ތަމްސީލްކުރަމުންދާ ގޮތަށެވެ. ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަނީ ވޯޓުން ދިވެހި ރައްޔިތުންނެވެ. މެމްބަރުން ހޮވާފައިވަނީ މެމްބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މަސްލަހަތުގައި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އޮފިޝަލުން ދިވެހިރައްޔިތުންނަށް ދަވްލަތް ހިންގުމުގެ ކަންކަމުގައި ޖަވާބުދާރީ ކުރުވުމަށެވެ. މި ގޮތުން ސުވާލު ކުރަންޖެހޭ ކޮންމެ ކަމެއްގައި ސުވާލުކޮށް އޮޅުން ފިލުވުމަށާއި ދުސްތޫރީ ހިދާޔަތު ދޭންޖެހޭ ޙާލަތްތަކުގައި މުއައްސަސާތަކަށް އެފަދަ ހިދާޔަތު ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ. އެކިއެކި ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުދަނގޫތައް ޙައްލުކުރުމަށް ވަކާލާތުކޮށް ބާރު އެޅުމަށެވެ. ރައްޔިތުންގެ ޙައްޤުތަކާއި މުޅި ދަވްލަތުގެ ޙައްގުތައް ނެގެހެއްޓުމަށް ޤާނޫނުތައް ހެދުމަށެވެ. ޖުމްލަކޮށް ވެރިކަން ހިންގުމުގައި ޢިޖާބީކޮށް ދިވެހިރައްޔިތުން ޝާމިލްވެ ތަމްސީލްވުމަށެވެ.

މުއައްސަސާތަކާއި މީހުން ޙާޟިރުކޮށް މަޢުލޫމާތު ހޯދުމުގެ ދުސްތޫރީ ބާރު ލިބިދީފައިވުން

މި ގޮތުން ޤާނޫނުއަސާސީގެ 98 ވަނަ މާއްދާ ޚާއްޞަ ކުރެވިފައިވަނީ ވަޒީރުންނާއި ސަރުކާރުގެ މަޤާމްތަކުގައި ތިބޭ މީހުންނާއި ސުވާލު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބިދިނުމަށެވެ. ހަމައެއާއިއެކު ސުވާލު ކުރުމުގެ ބާރު ލިބިދިނުމަށްފަހު 99 ވަނަ މާއްދާ ޚާއްޞަ ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލިހަށާއި އެ މަޖިލިހުގެ ކޮމިޓީތަކަށް މުއައްސަސާތަކާއި ވަކިވަކި މީހުން ޙާޟިރުކުރުމުގެ ބާރު ލިބިދިނުމަށެވެ. މީގެ އިތުރުން 99 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލިހަށް ޙާޟިރުކުރެވޭ މީހަކާއި ކުރެވޭ ސުވާލުތަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދިނުންވެސް ލާޒިމްކޮށްފައިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 10 މާރޗް 2011 ގައި ނެރުނު ލަފާގައިވެސް ވަރަށް ސާފުކޮށް މަޖިލިހަށް ޙާޟިރުކުރެވޭނެ ފަރާތްތައް ބަޔާންކޮށްފައިވާއިރު މިދެންނެވި ދެމާއްދާގެ ދަށުން ފުލުހުންނާއި ސިފައިންގެ ކޮންމެ ބޭފުޅަކު ޙާޟިރުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން ސިފައިންގެ ޚިދުމަތުގެ މައްޗަށް ލިބިދީފައިވާ ދުސްތޫރީ ބާރު

ޤާނޫނުއަސާސީގެ 236 ވަނަ މާއްދާއިން ސަލާމަތީ ޚިދުމަތް ޤާއިމްކޮށްފައިވަނީ ޞުލްޙަވެރިކަމާއި އަމާންކަމާއި މިނިވަންކަމާއިއެކު ދިވެހި ދަވްލަތުގެ ރައްޔިތުންނާއި އެދަވްލަތުގެ ބާރު ހިނގާ ސަރަޙައްދެއްގައި އުޅޭ އެންމެހާ ފަރާތްތަކަށް އުޅެވޭނެ މަގުތަނަވަސްކޮށް ދިނުމަށްކަން އެގެން އޮވެއެވެ. ހަމައެއާއިއެކު ސަލާމަތީ ޚިދުމަތުގެ ތެރެއިން ސިފައިންގެ ޚިދުމަތް ޤާއިމްކޮށްފައިވަނީ ދިވެހި ދަވްލަތުގެ އެއްވެސް އިދާރާއަކަށް ލިބިދީފައިނުވާފަދަ އިޚްތިޔާރާއި ބާރުދީފައެވެ. މިގޮތުން ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން ދުޝްމަނުން މަރާލުމުގެ އިޚްތިޔާރާއި ދުޝްމަނުންގެ ހަމަލާއެއް ދިނުމުގެ ކުރިން ސެލްފް ޑިފެންސް އިމްތިޔާޒުތަކުގެ ދަށުން ހަތިޔާރުގެ އެހީގައި އެބަޔަކުވެސް މަރާލުންފަދަ އިޚްތިޔާރު ސިފައިންނަށް ލިބިދީފައިވެއެވެ. އަދި ޖާސޫސީ މަޢުލޫމާތުއެއްކޮށް ދުރާލާ ޓެރަރިސްޓުންގެ ޙަރަކާތްތަކަށް ފާރަލުމުގެ އިޚްތިޔާރުވެސް ލިބިދީފައިވެއެވެ.

އެހެންވުމާއިއެކު މި އިޚްތިޔާރުތައް ބޭނުންކުރަނީ ދިވެހިންގެ މަޞްލަޙަތާއި އެއްގޮތަށްކަން ދިވެހިން ކަށަވަރު ކުރަންޖެހޭތީ، ރައްޔިތުންގެ މަޖިލިހަށް މި މަސްއޫލިއްޔަތު އަދާކުރެވޭ މިންވަރަށް ދުސްތޫރީބާރު ޤާނޫނުއަސާސީން އިން ދިވެހި ރައްޔިތުންވަނީ ދީފައެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީ އިން ސަލާމަތީ ބާރުތަކުގެ މައްޗަށް ބާރު ހިންގޭނެ ކަމަށް ޤާނޫނުއަސާސީގެ 239 ގެ (ށ) ގައި ވެއެވެ. މިގެ އިތުރުން ސަލާމަތީ ޚިދުމަތް ހިނގާ ނުހިނގާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލިސް އަށް ޤާނޫނުއަސާސީގެ 241 ވަނަ މާއްދާއިން ވަކިން ޚާއްސަ މަސްއޫލިއްޔަތެއްގެ ގޮތުގައި މަތިކޮށްފައިވެއެވެ. އަދި ހަމައެއާއިއެކު ސިފައިންގެ އެންމެ މަތީވެރިޔާގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޤައުމުގެ ދިފާޢުގައި ހަނގުރާމަކުރުމުގެ ހުއްދައެއް ސިފައިންނަށް ދީފިނަމަ އެދެއްވި ހުއްދައެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅަން ލާޒިމް ކުރުމަށްފަހު އެފަދަ ހުއްދައެއް ރައްޔިތުންގެ މަޖިލިހުން ބާޠިލްކުރުމުގެ އިޚްތިޔާރާއި ބާރު ރައްޔިތުންގެ މަޖްލިހަށް ޤާނޫނުއަސާސީގެ 243 ގެ (ށ) އިން ދީފައިވެއެވެ. އެހެންވުމުން ރައްޔިތުންގެ މަޖިލިސް އަށް ސަލާމަތީ ބާރުގެ ތެރެއިން ސިފައިންގެ މައްޗަށް ވަރަށް އެކަށީގެންވާ ގޮތަކަށް ދުސްތޫރީ ބާރުހިންގުމަށް ފުރުޞަތު ދީފައިވާ ކަމާއި، ކޮމާންޑަރ އިން ޗީފް ގެ ހަނގުރާމަ އިޢުލާންކުރަން ކުރާ އަމުރުވެސް ބާޠިލްކޮށް އެންމެފަހު ބަސްބުނުމުގެ ފުރުޞަތު ދީފައިވަނީ ރައްޔިތުންގެ މަޖްލިސްއަށް ކަން އޮޅުމެއްނެތް ގޮތުގައި އެގެންއޮވެއެވެ.

ސިފައިންގެ ޚިދުމަތް ހިނގާ ނުހިނގާ ގޮތް ބަލަންޖެހޭ ސަބަބުތައް

ރައްޔިތުންގެ މަޖިލިހަށާއި އެ މަޖިލިހުގެ ސަލާމަތީ ކޮމެޓީ މެދުވެރިކޮށް ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން ސިފައިންގެ ޚިދުމަތް ހިނގާ ނުހިނގާ ގޮތް ބަލަން ޖެހޭ ސަބަބު ވަރަށް ސާފެވެ. އެއީ ދިވެހިންގެ އަސްކަރިއްޔާގެ ކޮންމެ މެމްބަރަކަށް ޚިދުމަތުގައި ލިބޭ ޒަޚަމެއް ނުވަތަ އޮހޮރާލެވޭ އެންމެ ލޭތިއްކަކީވެސް ދިވެހި ދަވްލަތަށާއި ދިވެހިންނަށް ވަރަށް އަގުހުރި އެއްޗަކަށްވާއިރު، އަސްކަރިއްޔާގެ މެމްބަރުންނާއި ދިވެހިންގެ ސަލާމަތާއި ދިވެހިންގެ މަޞްލަޙަތަށް އިސްކަންނުދެވި ކޮންމާންޑަރުންގެ އަމިއްލަ ޒާތީ އަމާޒެއް ޙާޞިލްކުރުމަށް އަސްކަރިއްޔާގެ މެމްބަރުންނަށް އަމުރު މަޢްރޫފް ހިންގުމަށް ހުންނަ ދޮރުތައް ދުރާލާ ދަނެގަނެ ބަންދުކޮށްލުމަށެވެ. އަދި ހަމައެއާއިއެކު ކޮމާންޑަރުންގެ ފަރުވާކުޑަކަމުން ޤައުމުގެ އަމުނު އަމާންކަން ގެއްލި ސިފައިންނާއި އަދި ވަކިން ޚާއްޞަކޮށް ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުންތަކަށް އެ މުއައްސަސާއާއި އެކަމުގައި ޒިންމާވާ ކޮމާންޑަރުން އުޞޫލާއި އެއްގޮތަށް ޖަވާބުދާރީވާކަން ކަށަވަރުކުރުމެވެ. އަދި ހަމައެއާއިއެކު ޒިންމާދާރު ގޮތެއްގައި މި ދެންނެވިފަދަ ކަންކަމުން ދުރުވެތިބެ ހިންގާ މުއައްސަސާއެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތް އެކަށައެޅިފައި އޮތްކަން ކަށަވަރުކުރުމެވެ. ހަމައެފަދައިން އެކިއެކި ފަރާތްތަކުން އަސްކަރިއްޔާގެ މައްޗަށް ކުރާ ތުހުމަތުތަކުން އަސްކަރިއްޔާ ރައްކާތެރިކޮށް އެފަދަ ކަންކަމުގެ ޙަޤީޤަތް ހޯދާ ޢާއްމުކޮށް، އަސްކަރިއްޔާއަށް ދިވެހި ދަވްލަތާއި ދިވެހިންގެ އިޙްތިރާމާއި އިތުބާރު ހޯދައިދިނުމަކީވެސް މިބާރުތައް ރައްޔިތުންގެ މަޖިލީހަށް ލިބިދިން ސަބެބެކެވެ.

ރައްޔިތުންގެ މަޖިލީހަށް ސިފައިންގެ މައްޗަށް ލިބިދީފައިވަނީ ސުޕްރީމް ދުސްތޫރީ ބާރު

އެހެންވެ މި ބަޔާން ކުރެވެނު އެންމެހާ ބާރުތަކަކީ ދުސްތޫރީ ބާރުތަކެވެ. ރައްޔިތުންގެ މަޖިލިސް އިން ހިންގާ އިންކުއައިރީތަކާއި ރިސަރޗްތަކަކީ ދިވެހިންގެ ފަރާތުން އެ މަޖިލިހުން އިސްވެ ދެންނެވުނު މިބާރުތަކުގެ ދަށުން އަދާކުރަންޖެހޭ ދުސްތޫރީ މަސައްކަތްތަކެވެ. މި އެންމެހާ ބާރުތަކަކީ ދުސްތޫރީ ބާރުތައްކަމާއި މިއީ ޖިނާޢީ ޢަދްލުގެ ނިޒާމްގެ ދަށުން ޖިނާޢީ ކުށްތައް ތަޙްޤީޤު ކުރުމުގެ ބާރުނޫންކަން ރައްޔިތުންގެ މަޖިލީހަށް އޮޅިފައެއް ނޯންނާނެއެވެ. އަދި ހަމައެއާއެކު މިބާރުތަކަކީ އަސްކަރީ އަމުރު މަޢްރޫފް ހިންގުމުގެ ބާރުނޫންކަންވެސް ރައްޔިތުންގެ މަޖިލީހަށް މާސާފުކަން ބޮޑުކޮށް އެނގޭނެއެވެ. އެހެންވެ ރައްޔިތުންގެ މަޖިލިސް އަށް ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން ކޮންމެ މުއައްސަސާއެއްގެ މައްޗަށްވެސް އަދި ވަކިން ޚާއްޞަކޮށް ސިފައިންގެ މުއައްސަސާގެ މައްޗަށް އިސްވެ ބަޔާން ކުރެވުނު ދުސްތޫރީ އަމްރު މަޢްރޫފު ހިންގުމުގެ ބާރު މެދުކެނޑުމެއްނެތި ޤާނޫނުއަސާސީގެ ސިޔާދަތު ދެމިއޮތްހާ ހިނދަކު އޮންނާނެ ކަމާއި، އެ ބާރަށް އިޢްތިރާޟް ކުރާނެ ދުސްތޫރީ ހަމައެއްނެތްކަމާއި އަދި ހަނގުރާމަފަދަ ކަންކަމުގެ ސުޕްރީމް ދުސްތޫރީ ބާރުވެސް އޮތީ ރައްޔިތުންގެ މަޖިލީހަށްކަން އޮޅުމެއްނެތެވެ.

ދުސްތޫރީ ގޮތުން މަޖިލިސްއިން ދިރާސާކުރުން ޖާއިޒް ސުވާލުތައް

ރައްޔިތުންގެ މަޖިލިހުން ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ ޝަކުވާތައް ބަލާނީ ދުސްތޫރީ ނަޒަރުންނެވެ. ރައްޔިތުންގެ މަޖިލިސް އަށް ސިފައިންގެ މުއައްސަސާއާއި ގުޅޭގޮތުން ދިވެހި ރައްޔިތުން ކުރާ ޝަކުވާއެއް ނުވަތަ އެ މަޖިލިހުގެ އަމިއްލަ އިސްނެގުމަކަށް ބަލަން ޖެހިއްޖެ ކަމެއް ދުސްތޫރީ ގޮތުން ބެލުމުގެ ފުރިހަމަ ބާރުލިބިދީފައިވާއިރު އެފަދަ ޝަކުވާއެއް ނުވަތަ ކަމެއް ބަލަންޖެހޭ ޚައްޞާޞީ ދަނޑިވަޅެއްގައި ދުރަށްޖެހިގަތުން އެމަޖިލިހަކަށް ހުއްދަނުކުރެއެވެ. އެ މަޖިލީހުން ސިފައިންނާއި ބެހޭ ގޮތުން ބަލާނީ ދުސްތޫރީ ނަޒަރުން އަސްކަރިއްޔާ ޤާއިމްވެފައިވާ ނާރެހުން ނެއްޓިފައިވޭތޯ ނުވަތަ ނެއްޓެން އަމާޒު ހިފާފައިވޭތޯއެވެ. މަދަނީ ޑިމޮކްރެޓިކް ވެރިކަމެއްގެ ނަޒަރުން އަސްކަރިއްޔާގެ އަމްރު މަޢްރޫފް ހިނގަމުންދަނީ ދިވެހިންނާއި ދިވެހިންގެ މަޞްލަޙަތުތަކާއި ޑިމޮކްރެޓިކް ވެރިކަން ޙިމާޔަތްކުރުމުގެ އަސާސްތަކަށް އިސްކަންދީގެން ތޯއެވެ. ޙަވާލުވެފައިވާ މަސްއޫލިއްޔަތު އަދާ ކުރެވޭ ތޯއެވެ. މަސްއޫލިއްޔަތު އަދާ ކުރުމަށް ދުސްތޫރީ އަދި ޤާނޫނީ ހުރަސްތައް ހުރި ތޯއެވެ. ވަސީލަތްތައް ފުދޭތޯއެވެ. މިފަދަ ކިތަންމެ ކަމެކެވެ. ނުވަތަ މިއާއި ޚިލާފަށް އަސްކަރިއްޔާ ހިނގަމުންދަނީ ވަކިވަކި ކޮމާންޑަރުން އަމިއްލަ ވިސްނުމަށް "މިނިވަންވެ" ދިވެހި ރައްޔިތުން އެކަށައަޅާފައިވާ ދަވްލަތުގެ ޚައްޞާޞީ ސިޔާސަތާއި ޝާމިލްވުމެއްނެތްފަދައަކުން މުޅި މުއައްސަސާ ދިވެހި ރައްޔިތުންނަށްވުރެންވެސް "ސުޕްރީމްވެ" ކޮމާންޑަރުންގެ ފަސާދަވެފައިވާ މަވެތި ނަޒަރިއްޔާތުގެ މައްޗަށްތޯއެވެ.

06 މެއި 2021 ގެ ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން ހިންގާ އިންކްއަރީގެ ދުސްތޫރީ ޚާއްސަކަން

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސަލާމަތީ ބާރުތަކުން ދެމުންގެންދިޔަ ސަލާމަތީ ޚިދުމަތުގެ ފަށަލަ ފޫއަޅުވާލާ އެމަނިކުފާނަށް ޓެރަރިސްޓް ޙަމާލާއެއްދީ ޖިސްމާނީ ގޮތުން އެތަކެއް އަނިޔާ ލިބުނު 06 މެއި 2021 ވަނަ ދުވަހަކީ ދިވެހިންގެ ސަލާމަތާއި ދޭތެރޭ މިފަހުން ފިކުރު ބޮޑުވި އެއްދުވަހެވެ. އެމަނިކުފާނަށް އެ ޙަމަލާދިނީ އެމަނިކުފާނުގެ ސެކިއުރިޓީންނާއިއެކު ހިންގަވާފައި ކާރަށް އަރާ ވަޑައިގަންނަވަން ދިޔަ ވަގުތުގައި ކަމަށްވެފައި އެހާ އަމާޒު ރަނގަޅު ޙަމަލާއެއް މަޖީދީ މަގުގައި މާގިނަ ބަޔަކަށް ގެއްލުން ނުލިބޭ ގޮތަކަށް ރާވާހިންގުނީ ކިހިނަކުންތޯއެވެ؟ އެ މަނިކުފާނުގެ ސެކިއުރިޓީ ނިޒާމް ފޫއަޅުވާލެވުނީ ކިހިނަކުންތޯއެވެ؟ ނިޒާމްގައި ހުރި ފަރުވާކުޑަ ނުވަތަ ދޯދިޔާކަމަކުންތޯއެވެ. ނުވަތަ ދުޝްމަނުންގެ މޮޅުކަމާއި ހުށިޔާރުކަމުން ސަލާމަތީ ނިޒާމްގައި އެފަދަ ޤާބިލްކަން ނެތިގެން ހިނގާދިޔަ ކަމެއްތޯއެވެ. މިކަންކަން ރަނގަޅަށް ދަނެގަތުމަކީ ދިވެހި ދަވްލަތުގެ މައްޗަށް ލާޒިމްކަމެކެވެ. އަދި މިކަން ހިނގައިދިޔަގޮތް ދިވެހިންނަށް ފުރިހަމައަށް އެގެންޖެހެއެވެ. މިކަމުގެ އެންމެ ފުންމިނަށް ގޮސް ހޯދާ ބެލެން ޖެހެއެވެ. ދުސްތޫރީ ގޮތުންވެސް މެއެވެ. ޖިނާޢީ ޢަދްލުގެ ނިޒާމްގެ ތެރެއިންވެސް މެއެވެ. ކުރިންވެސް ދެންނެވިފަދައިން ރައްޔިތުންގެ މަޖިލީހުން ބަލާނީ ދުސްތޫރީ ގޮތުންނެވެ.

ޙަމަލާއާއި ގުޅޭ ދުސްތޫރީ އިންކްއަރީއެއް ހިންގުމުގެ މުނާސަބް މަސްއޫލިއްޔަތު އޮތީ ރައްޔިތުންގެ މަޖިލީހަށް

މިފަދަ މައްސަލައެއް ދުސްތޫރީ ގޮތުން ބެލުމުގެ އަސާސީ އެންމެ މުނާސަބް މަސްއޫލިއްޔަތު އޮތީ ރައްޔިތުންގެ މަޖިލިހަށެވެ. އެއީ ސިފައިންގެ ވެރިޔާ އަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެފައި އެ މަނިކުފާނަކީ ސަރުކާރު ހިންގާ ބާރުގެ ވެރިޔާ ކަމަށްވުމުން ރައްޔިތުންގެ މަޖިލިހުން ވަށައިގެންވާ އެންމެހާ ފަރާތްތަކާއި ސުވާލުކޮށް ކަންއޮތްގޮތުގެ ޙަޤީޤަތް ދުސްތޫރީ ގޮތުން ހޯދޭނެ ދުސްތޫރީ ޖާގަ ރައްޔިތުންގެ މަޖިލީހަށް މާބޮޑަށް ފަހިވެފައި އޮތުމުންނެވެ. ރައްޔިތުންގެ މަޖިލީހަކީ ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަންތަކުގެ އަމުރު މަޢްރޫފް ހިންގުމުގައި ޝާމިލްވާ މުއައްސަސާއެއްނޫނެވެ. އެހެންވެ އެ މަޖިލިހުން އެއްވެސް މިންވަރަކަށް މިކަން ބެލުމުގައި އެއްވެސް ކަމެއް ސިއްރު ކުރަންޖެހޭފަދަ މަޞްލަޙަތެއް ނެތުމާއިއެކު މިނިވަންކަމާއިއެކު ހޯދާ ބެލުމުގެ ފުރުޞަތު ލިބިފައިވެއެވެ. އަދި މިފަދަ ޙަމަލާތަކުގެ އިންޓެލިޖެންސް މަޢުލޫމާތު ދުރާލާ ލިބުނަސް ލިބޭނީ ސަރުކާރު ހިންގާ ބާރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެންމެ މަތީ ވެރިންނަށް ކަމަށްވާއިރު، ސްރީލަންކާގެ އީސްޓަރ ސަންޑޭ ޙަމަލާގެ މަޢުލޫމާތުވެސް ދުރާލާ އެ ޤައުމުގެ ވެރިންނަށް ލިބުނުއިރު ފިޔަވަޅު ނޭޅިފަދަ ޒާތުގެ ކަމެއް މި ކަމުގައި ހިނގާފައިވޭތޯ މިނިވަންކަމާއިއެކު ބެލޭނީވެސް ރައްޔިތުންގެ މަޖިލީހަށެވެ.

އިންކްއަރީގެ ޠަބީޢަތުން މުއައްސަސާ ތަކުން އެކަނި ލިބޭ މަޢުލޫމާތުން ނުފުދޭކަން

މިފަދަ ޚައްޞާޞް މައްސަލައެއް ރައްޔިތުންގެ މަޖިލިސް އިން ބަލާއިރު ހަމައެކަނި ސިފައިންގެ މުއައްސަސާގެ އެންމެ އިސްވެރިޔާ އާއި ނައިބް ވަޑައިގެން ދެއްވާ މަޢްލޫމާތަކުން ރައްޔިތުންގެ މަޖިލިހަށް ދަނެގަނެވޭނީ އެދެވެރިން ވިދާޅުވި އެއްޗެއް އެކަނި ނޫންތޯއެވެ؟. މުއައްސަސާއެއްގެ މައްޗަށް ކުރާ ޝަކުވާއެއްގައި އެކަމެއް ހިނގި ގޮތުގެ ސަބަބުތައް ދަނެގަތުމުގައި ހަމައެކަނި ޒިންމާދާރުވެރިޔާ ދޭ މަޢްލޫމާތުގެ މައްޗަށް ސުވާލުކުރުން ޙުދޫދުކޮށްފިނަމަ ހޯދާހޯދުމުން ޙަޤީޤަތް އެނގުން އޮންނާނީ ވަރަށް ދުރުގައިކަން ކަށަވަރެވެ. އެހެންވެ ރައްޔިތުންގެ މަޖިލިހުން ދިވެހި ރައްޔިތުންނަށް އިޚްލާސްތެރިވެ މި މައްސަލައިގެ ޙަޤީޤަތް އޮތްގޮތް ހޯދާ ބަލާ އަންގައިދޭން ބޭނުންނަމަ އެ ގޮތަށް ޒިންމާދާރުވެރިންނާއި އެކަނި ސުވާލުކޮށް ނިންމާނުލެވޭނެއެވެ. ކަމުގެ މަޢްލޫމާތު ހުރި ހުރިހާ އަސްކަރީ ގޮފިތަކާއި އެ ގޮފިތަކަށް ނިސްބަތްވާ ސިފައިންގެ މުއައްސަސާގެ ކޮންމެ މެމްބަރެއްގެ ފަރާތުން މިނިވަންކަމާއިއެކު ރުހިގެން އަސްކަރީ ޠަބީޢަތަށް އަސަރުނުކުރާފަދައަކުން ދެވޭ މަޢުލޫމާތުގެ މައްޗަށް ފުރިހަވެގެންވާ ފަދައަކުން ހޯދާބެލުން ލާޒިމްވާނެއެވެ.

ޕަރލަމެންޓް އިންކްއަރީ ތަކަކީ ޖިނާޢީ ތަޙްޤީޤްތަކެއްނޫންކަން

ރައްޔިތުންގެ މަޖިލީހުން މި މައްސަލާގައި ހިންގަނީ އިންކުއައިރީއެކެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ގެ ސެކިއުރިޓީ ފޫއަޅުވާލެވުނީ ކިހިނަކުންތޯ ހޯދުމެވެ. މިއީ ކުރިންވެސް ދެންނެވިހެން ދުސްތޫރީ އިންކުއައިރީއެކެވެ. ސަލާމާތީ ޚިދުމަތްތަކުގެ މެމްބަރުން ޖިނާޢީ ކުށެއް ކުރިތޯ ބަލަން ހިންގާ އިންކުއަރީއެއް ނޫނެވެ. އެފަދަ ބެލުންތަކަކީ މަޖިލިހުން ކުރަން މަޤްބޫލް އަދި ޖާއިޒު މަސައްކަތެއް ނޫނެވެ. އެއީ މަޖިލިހުގެ މަސައްކަތާއި ތަފާތު މަސައްކަތްކަތަކަށްވާތީއެވެ. ނަމަވެސް ޕަރލަމެންޓް އިންކުއައިރީ އެކޭ ބުނާއިރަށް ނޫސްތަކުގައި "ތަޙުޤީޤް" މި ލަފްޒުން އާޓިކަލްތައް ލިޔުމާއިއެކު ތަޙްޤީޤު މިބަސް ބޭނުންކުރީތީ ރައްޔިތުންގެ މަޖިލިހުން ހިންގާ މި ދެންނެވި އިންކްއަރީއަކީ ޖިނާޢީ ތަޙްޤީޤެއްކަމަށް ދެކި ވަރަށް ގިނަ ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަކީ ތަޙްޤީޤީ އިދާރާއެއްނޫން ކަމަށް ބުނެ އޮޅުން އަރުވާލިއަސް ސިފައިންގެ މުއައްސަސާފަދަ ދުސްތޫރީ އަދި ޤަވްމީ ވާޖިބްތައް އެކަށައެޅި އިސްތިޤްރާރުކުރެވިފައިވާ ސާބިތުކަން ދަމަހައްޓާ މުއައްސަސާއަކަށް އޮޅެންޖެހޭ ސަބަބެއްނެތެވެ.

ވަކިވަކި ސިފައިން ޙާޟިރުކުރުމުން އެއްކިބާވެގަތުން ޖާއިޒްނުވުން

ރައްޔިތުންގެ މަޖިލިސް އިން ހިންގަމުން ގެންދާ އިންކުއައިރީ އަކީ އެ މަޖިލިހުގެ ދުސްތޫރީ ވާޖިބްތަކުގެ ތެރެއިން އެންމެ ޚާއްޞަ އެއްވާޖިބް ކަމަށްވާއިރު، ސިފައިން އެ އިންކްއަރީއަށް ވަކިވަކި ސިފައިން ޙާޟިރުކުރުން އެ މުއައްސަސާގެ އަމިއްލަ އިސްނެގުމަކަށް އެއްކިބާވެގަތުން ޖާއިޒްކުރެވޭނެ ދުސްތޫރީ ހަމައެއްނެތެވެ. މި ގޮތުން ބަލާއިރު ސިފައިންގެ ލަފާދޭ މަޖިލިހުން އެ ގޮތަށް ނިންމާފައިވަނީ ސިފައިންގެ ޤާނޫނު ގެ 24 ވަނަ މާއްދާއަށް ނަޒަރުކޮށްގެން ކަމަށް ބުނެވެއެވެ. އެ މާއްދާ މިދަންނަވަނީއެވެ.

24 ) .ހ) ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި އަމަންޢާންމު ރައްކާ ތެރިކުރުމުގެ ގޮތުން މަޢްލޫމާތު އެއްކުރުމުގެ ބާރާއި އިޚްތިޔާރު ސިފައިންގެ ތެރެއިން އެކަމަށް ޚާއްޞަކޮށްފައިވާ ބަޔަކަށް ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި އަމަންޢާންމަށް އުނިކަމެއް ލިބިދާފަދަ އެއްވެސް މަޢްލޫމާތެއް ކަމާ ނުބެހޭ ފަރާތަކަށް ދީފިނަމަ، މިޤާނޫނުގެ ދަށުން އެފަދަ މީހަކު ކުށްވެރިވާނެއެވެ.

(ނ) ސފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢްލޫމާތެއް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެނުވީ ދީގެންނުވާނެއެވެ.

1.)ސފައިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ސފައިންގެ އެންމެމަތީ ވެރިޔާއަށާއި، މިނިސްޓަރަށާއި، ޤައުމީ ސަލާމަތާބެހޭ މަޖިލީހަށާއި، ޗީފް އޮފް ޑިފެންސް ފޯސްއަށް؛

2.)ޤާނޫނުތައް ހިންގާ ތަންފީޒުކުރާ އިދާރާތަކުގެ އެންމެ އިސްވެރިންނަށް؛

3.)ސފައިންގެ ނުވަތަ މިނިސްޓްރީގެ ނިންމުމަކާ ގުޅޭގޮތުން ކުރާ ނުވަތަ ކުރެވޭ ދަޢްވާއަކާގުޅިގެން، އެދަޢްވާއެއް ހިންގާ ޝަރްޢީ ކޯޓަށް؛

4.)އެ މަޢްލޫމާތަކީ، ރަސްމީ ފަރާތަކުން ޢާންމުވެފައިވާ މަޢްލޫމާތެއްނަމަ.

އިސްވެ ދެންނެވުނު ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާ އަށް ބެލުމުން އެ މާއްދާގެ އެއްވެސް އަކުރެއްގައި ރައްޔިތުންގެ މަޖިލިސް އަށް އެއްވެސް މަޢްލޫމާތެއް ދޭން ބަޔާންވެފައި ނެތްކަން އެނގެއެވެ. ނަމަވެސް، އިސްވެ ދެންނެވުނު ޤާނޫނުއަސާސީގެ ނައްސުތަކާއި އެ ނައްސުތަކުން ރައްކާތެރިކޮށްދޭ ދިވެހި ދަވްލަތުގެ ދުސްތޫރީ މަޞްލަޙަތުތަކަށް ނަޒަރުކުރުމުން މި މާއްދާއަކީ މިގެ ޒާތުގައި މިދެންނެވި އެންމެހާ ދުސްތޫރީ ނައްސުތަކުން އެކަށައަޅާފައިވާ ދުސްތޫރީ މަސްއޫލިއްޔަތު ނަފީކުރެވޭނެ މާއްދާއެއްނޫންކަން ދަނެގަންނަންޖެހެއެވެ. މި ގޮތުން ސިފައިންގެ ޤާނޫނަކީ މިހާރު ޢަމަލްކުރަމުންދާ ޤާނޫނުއަސާސީ ތަޞްދީޤު ކުރުމުގެ ކުރީގެ ޤާނޫނެކެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ދިވެހި ދަވްލަތުގެ "ކްލެސިފައިޑް" މަޢްލޫމާތު ބެލުމުގެ އިޚްތިޔާރާއި ބާރު ދުސްތޫރީ ގޮތުން ލިބިދީފައިވާ ބައެކެވެ. އަދި ވަކިން ޚާއްސަކޮށް ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން މަޖިލިސް އަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އިސްވެ ޙަރަކާތްތެރިވާ ސަލާމަތީ ކޮމެޓީގެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލިސްއިންވެސް އެފަދަ ކޮންމެ ލިޔުމެއް ދިވެހި ރައްޔިތުންގެ ފަރާތުން ބެލުން ޖާއިޒްވެފައިވާ ފަރާތްތަކެކެވެ. މީގެ އިތުރުން އެ މަޖިލިހުގެ ކޮންމެ ކޮމެޓީއަކުން އަދާކުރާ މަސްއޫލިއްޔަތާއި ގުޅިގެން ހޯދަންޖެހޭ ކޮންމެ މަޢްލޫމާތެއް ރަސްމީ ޙައިސިއްޔަތުން ހޯދަން އެދޭހިނދު ދަވްލަތުގެ ކޮންމެ މުވައްޒަފަކުވެސް އެކަމަށް ފުރިހަމައަށް އެއްބާރުލުން ދޭން ލާޒިމްވާނެއެވެ. މި ގޮތުން ސިފައިންގެ މުއައްސަސާގެ މެމްބަރަކުވިއަސް އެއީ އެފަދަ މަޢްލޫމާތާއި ނުލާ ފުރިހަމަ ނުކުރެވޭނެ އިންކްއަރީއެއް ނުވަތަ ރިސަރޗެއްކަމަށް ވާނަމަ ރައްޔިތުންގެ މަޖިލިސް ނުވަތަ އެ މަޖިލިހުގެ މެމްބަރަކު ރަސްމީ ލެޓަރ ހެޑްގައި މަޢްލޫމާތު ހޯދުމަށް ނުވަތަ ޙާޟިރުވެ މަޢްލޫމާތު ދިނުމަށް އެދިއްޖެ ޙާލަތެއްގައިދެވެން ޖެހޭނެއެވެ.

ސިފައިންގެ ޕަރލަމެންޓް ލިއޭޒަން ސިޔާސަތު އެކަށައެޅިފައި އޮތުން.

މި ގޮތުން ރައްޔިތުންގެ މަޖިލިސް އިންނާއި އެ މަޖިލިސްގެ މެމްބަރުން ހޮވިފައިވާ ދާއިރާއާއި ގުޅޭ މަޖިލިސްގެ ރަސްމީ މަސައްކަތްތައް ކުރުމުގައި ރަސްމީ ޙައިސިއްޔަތުން ސިފައިންގެ މުއައްސަސާއިން ހޯދަން އެދޭ މަޢްލޫމާތާއި ވަކިވަކި ސިފައިންގެ ފަރާތުން ލިބުމަށް އެދޭ މަޢްލޫމާތު ފަސޭހައިން ލިބިދެވޭ ގޮތަށް ސިފައިންގެ ޕަރލަމެންޓް އެންޑް ލެޖިސްލޭޓިވް ލިއޭޒަން ސިޔާސަތު ރާވާ ހިންގުމަކީ ސިފައިންގެ މުއައްސަސާގެ ދުސްތޫރީ ވާޖިބެކެވެ.

ޑިމޮކްރެޓިކް މުއައްސަސާތައް ޙިމާޔަތްކުރުން ސިފައިންނަށް ވާޖިބުވުން

ޤާނޫނުއަސާސީގެ 237 ވަނަ މާއްދާގައި ސަލާމަތީ ޚިދުމަތްތަކުން ޑިމޮކްރެޓިކް މުއައްސަސާތައް ޙިމާޔަތްކޮށް ދިނުމަކީ ވާޖިބެއްކަމަށް ބަޔާންކޮށްފައިވާއިރު، މާއްދީ ގޮތުން ޙިމާޔަތް ކުރުމަކީ ފިޒިކަލް ސެކިއުރިޓީ އެ މަޖްލިހަށާއި މެމްބަރުންނަށް ދިނުން ކަމަށްވެފައި، މަޢުނަވީ ގޮތުން ޙިމާޔަތް ކުރުމަކީ ރައްޔިތުންގެ މަޖިލިހުގެ ޑިމޮކްރެޓިކް ދުސްތޫރީ ދައުރު އަދާކުރުމަށް މަގުފަހިކޮށް އެއްބާރުލުން ދެވޭފަދަ ނިޒާމެއްގެ ދަށުން ސަލާމަތީ ޚިދުމަތްތައް ރާވާ ހިންގުމެވެ. އެއްވެސް ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ ދުސްތޫރީ ދައުރު އަދާކުރުމަށް ހުރަސްއެޅޭފަދަ ނުވަތަ ލަސްތަކެއް އަންނަފަދައަކުން ސަލާމަތީ ޚިދުމަތްތަކުގެ މަސައްކަތް ރާވާ އިންތިޒާމް ނުކުރުމެވެ. ރައްޔިތުންގެ މަޖިލީހަކީ ސަލާމަތީ ބާރުތަކުގެ ސުޕްރީމް ދުސްތޫރީ އޮތޯރިޓީކަން ދަނެގަތުމާއިއެކު އެ މަޖިލިހުގެ އެންގުންތަކަށް ދުސްތޫރާއި ޚިލާފްނުވާ ކޮންމެ ކަމަކަށް ކިޔަމަންގަތުމަކީ ޤާނޫނުއަސާސީއަށް ކިޔަމަން ގަތުމެވެ. އެއީ ދިވެހި ދަވްލަތަށް ކިޔަމަންގަތުމެވެ. ދިވެހިންނަށް ކިޔަމަން ގަތުމެވެ.

އިސްވެ ދެންނެވުނު ނުކުތާތަކަށް ބެލުމުން ރައްޔިތުންގެ މަޖިލީހުން ހިންގަމުންދާ އިންކުއައިރީގެ ޠަބީޢަތުން ވަކިވަކި ސިފައިން ޙާޟިރުނުކުރުން ހުއްދަވެގަތުމަށް އިސްވެދެންނެވުނު ދުސްތޫރީ އެންމެހާ ނައްސުތަކުގެ ބާރު ނަފީވާފަދައަކުން ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދިނުން ދުސްތޫރީ ގޮތުން ޖާއިޒުވާނީ ކިހިނަކުންތޯއެވެ.

ރައްޔިތުންގެ މަޖިލިހުގެ ދުސްތޫރީ މަޤާމް ރައްޔިތުންގެ މަޖިލިހުން ދިފާޢުކޮށް ނެގެހެއްޓުން

އެހެންވެ މި ދެންނެވި އިންކުއައިރީއަށް ވަކިވަކި ސިފައިން ޙާޟިރުކޮށް ދިނުމުން ދުރުވެގަތުމަށް މުނާސަބްނޫން އިހުގެ ޤާނޫނީ ޙުއްޖަތެއްގެ ދަށުން ސިފައިންގެ ލަފާ ދޭ މަޖިލިހުން ދެއްވި ލަފައަކީ ދުސްތޫރީ ގޮތުން ޢީޖާބީ ލަފައެއް ކަމަށް ބެލެވޭނެ ހަމައެއްނެތެވެ. އަދި ހަމައެއާއެކު އެލަފާގެ މަތިން ވަކިވަކި ސިފައިން ޙާޟިރުކޮށް ދިނުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިން ކަމަށް ރައްޔިތުންގެ މަޖިލިސްއަށް އެންގުމުން އެ މަޖިލީހުން އަވަސް ކަމާއިއެކު އެކަމަކީ ބަލައިގަންނާނެފަދަ ޢަމަލެއްނޫންކަން ދޭހަވާފަދަ ބާރުހުރި ޖެހިލުންވަނިވި ގޮތަކަށް ރައްދުދިންކަން ފާހަގަކުރެވެއެވެ. އެފަދައިން ރައްޔިތުންގެ މަޖިލިސް އިން ޙަރަކާތްތެރި ނުވެ މަޑުމޮޅިވިނަމަ ދިވެހިންގެ ވެރިކަމުގެ ކަންކަން ތަރައްޤީ ކުރުމަށް މިކުރާ މަސައްކަތް އޮޅުމަކުން މައުޞޫމްކަން މަތީ އެތަށް ގުނައަކަށް ފަހަތަށްދާނެއެވެ. ރައްޔިތުންގެ މަޖިލީހަކީ އާރެއް ބާރެއް ނެތް އަޑުތަކެއްކަމަށް ޢަމަލީ ގޮތުން އެކަށައެޅޭނެއެވެ. އަސްކަރިއްޔާ ދުސްތޫރީ ގޮތުން ރައްޔިތުންގެ މަޖިލިހަށްވުރެން "ސުޕްރީމް" ވީއެވެ. ޑިމޮކްރަސީ ލޮކްޑައުން ކުރުމުގެ ފުރަތަމަ ޙަރަކާތަށް ވީހެވެ.

ކޮންމެއަކަސް 06 މެއި 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަޖިލީހުގެ ސަލާމަތީ ކޮމެޓީން ހިންގާ އިންކުއައިރީ އަށް 01 ޖޫން 2021 ގައި ސިފައިންގެ މުއައްސަސާއިން ރައްޔިތުންގެ މަޖިލީހަށް ޙާޟިރުވެ ޖަވާބުދޭނީ ވަކިވަކި ސިފައިން ޙާޟިރު ކުރުމުގެ ބަދަލުގައި އެ މުއައްސަސާގެ ފަރާތުން ކަމަށް ލިޔުމުން އެންގުމަށްފަހު، ވަކިވަކި ސިފައިން ޙާޟިރު ކުރުން ރައްޔިތުންގެ މަޖިލިހުގެ ތާވަލާއި އެއްގޮތަށް ޙާޟިރުކޮށްދީފައިވެއެވެ. އެހެންވުމުން ރައްޔިތުންގެ މަޖިލީހުން ވަކިވަކި ސިފައިން ޙާޟިރުކުރުމަށް ނިންމި ނިންމުމަށް ދާއިމީ ގޮތެއްގައި ސިފައިންގެ މުއައްސަސާއިން އިޢްތިރާޟްކޮށްގެން ތިބުމަކީ ޤަވްމަށާއި ރައްޔިތުންނަށް ފައިދާވާނެފަދަ ފިޔަވަޅެއްކަމަށް ނުވާނެތީ އެ ފިޔަވަޅު ތަންފީޒު ކުރުމުން ސިފައިންގެ މުއައްސަސާއިން ދުރަށްޖެހިގެންފިއެވެ. ޢަމަލްކުރެއްވީ ލިޔުމުން އެންގި ގޮތާއި ޚިލާފަށް ޒަމާނީ ދުސްތޫރީ ޢީޖާބީ އުޞޫލަށެވެ. ސިފައިންގެ ލަފާދޭ މަޖިލީހުން ދެއްވި ލަފާއާއި އެއްގޮތަށް ޢަމަލްކުރުމުގެ ދުސްތޫރީ ޖާގަނެތުމުންނެވެ.

މިއަދުގެ ސިފައިންގެ ވެރިޔާ އާއި ވަޒީރާއި ޗީފް އޮފް ސްޓާފް އަކީ ޒަމާނީ ޑިމޮކްރަޓިކް ގަވަރނަންސް ގެ އުޞޫލަށް މަތީފަންތީގެ ޤާބިލް އަސްކަރީއްޔާއެއް ހިންގަން އެނގޭ ބޭފުޅުންނެވެ. އަދި އެކަމަށް އަމާޒު ހިފާފައި ތިއްބެވި ތަޖުރިބާވެރިންނެވެ. އެހެންވެ ވަރަށް ފަސޭހައިން މައްސަލަ ހައްލުވެއްޖެއެވެ.

ޑިމޮކޮރަސީ "ލޮކްޑައުންނުވެ" ސަލާމާތްވުން

އާދެ! ޑިމޮކޮރަސީ "ލޮކްޑައުން" އަކަށް ނުގެންގޮސް އަސްކަރިއްޔާ ރައްޔިތުންގެ މަޖިލީހަށް ބޯލެނބުމަކީ ފަހުގެ ތާރީޚެއްގައި ސިފައިންގެ މުއައްސަސާއިން ދެއްކި ރިވެތިވެގެންވާ ޑިމޮކްރެޓިކް ޢިޖާބީ ޢަމަލެއްކަމަށް ބަލަންޖެހެއެވެ. އަދި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާފައިވާ އުޞޫލާއި އެގޮތަށް މަޢްލޫމާތު ސަލާމަތީ ކޮމެޓީއިން ކުރިއަށް ގެންދާ އިންކުއައިރީއަށް ރުހިގެން ދިނުމަކީ ދިވެހިންނަށް ދިވެހި އަސްކަރިއްޔާ ކޮށްދެއްވާ އަގުހުރި ދުސްތޫރީ ޚިދުމަތްތަކެކެވެ. މިގޮތުން އެއީ ޤާނޫނުއަސާސީގެ 237 ވަނަ މާއްދާގާއި ބުނާފަދައިން ރައްޔިތުންގެ މަޖިލިސްފަދަ ޑިމޮކްރެޓިކް މުއައްސަސާއެއް މަޢުނަވީ ގޮތުން ޙިމާޔާތްކުރުމުގެ ވާޖިބް ސިފައިން އަދާކުރަނީއެވެ. ސިފައިންގެ މުއައްސަސާގެ ޠަބީޢަތުން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ދެފުށްފެންނަފަދައަކުން މަޢްލޫމާތު ދީ ދިވެހި ރައްޔިތުންނަށް ކިޔަމަންތެރިކަން އަދާކުރަނީއެވެ. ދިވެހި ދަވްލަތުގެ ފިރިހެންދަރިންނާއި އަންހެންދަރިންނަށް އޯގާތެރިވާނެ ބައެއްކަން ތަމްސީލް ކޮށްދެނީއެވެ. ދިވެހިންގެ މަދަނީ ޑިމޮކްރެޓިކް ގަވަރނަންސް އުޞޫލަށް ރުހިގެންތިބެ އެ ނިޒާމް ދިފާޢުކުރައްވަނީއެވެ. އަދި މިއީ ޑިމޮކްރަޓިކް މަދަނީ ވެރިކަމުގެ އުޞޫލަށް އަސްކަރިއްޔާގެ އިހުގެ ސިޔާސަތުތައް ބަދަލުކުރަން އަސްކަރިއްޔާގެ ރުހިގެން އޮތްކަމުގެ ހެޔޮ މެސެޖެކެވެ. ސިފައިންގެ ޤާނޫނު ޒަމާނީ ދުސްތޫރީ ޙާލަތާއި އެއްގޮތަށް ބަދަލު ގެނައުން އަވަސް ކުރަންވެއްޖެ ކަމުގެ މެސެޖެކެވެ. ސިފައިންގެ ޕަރލަމެންޓް ލިއޭޒަން ސިޔާސަތެއް އެށައެޅުމުގެ ވަގުތު ޖެހިއްޖެ ކަމުގެ މެސެޖެކެވެ. ކުރިއަށް ދިވެހި ސިފައިން –ކުރިއަށް ދިވެހި ޤައުމު!

ހިޔާލު


އަނަސް15:45 2021/06/20

ވަރަށް މައުލޫމާތު ގިނަ، ޢިލްމީ ލިޔުމެއް!

ނަޝީދު12:45 2021/06/20

ވަރަށް ފުރިހަމަ ލިޔުމެއް. މިލިޔުން ވަގުތު ނޫޙުގައި ޝާއިޢުކޮށް ލުން ވަރަށް މުހިންމު. ކޮންމެސް ވަރަކަށް އޮޅުންފިލާނެ ގައިމުވެސް

މުހުއްމަދު12:32 2021/06/20

ނަންވާނީ ސިފައިން. އެކަމަކު ހަޑިހޭވީ ސިފައިން ލައްވާ ސިޔާސީ މީހުން.

ގުޅުންހުރި