ރާއްޖެރައްޔިތުންގެ މަޖިލިސް

ޑިފެންސް މިނިސްޓަރ މާރިޔާ މަޖިލީހަށް ހާޒިރުކޮށްފި

21/06/2021

Admin


ޝެއަރ

ރައްޔިތުުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދުއަށް ސަލާމަތީ ބާރުތަކުގެ ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލަމެންޓް އިންކުއައިރީއަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދުދީދީ ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މިނިސްޓަރ މާރިޔާ ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ. އިންކުއައިރީގެ މަސައްކަތް ކުރަމުންދަނީ ސިއްރުކޮށްގެން ކަމަށްވާތީ މާރިޔާގެ ބައްދަލުވުން ކުރިއަށްދިޔަ ގޮތެއް ނޭގެއެެވެ. އަދި މަޖިލީހުންވެސް އިތުރު ތަފުސީލެއް ނުދެއްވާ ހަމައެކަނި ޓުވީޓުކޮށްފައިވަނީ މާރިއާ ސުވާލުކުރިކަން ހާމަކޮށް އެބައްދަލުވުމުގެ ފޮޓޯތަކެކެވެ.

މިނިސްޓަރ މާރިއާ މަޖިލީހަށް ހާޒިރުކުރިއިރު, ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިނިސްޓަރަކަށް ވަރަށް ބޮޑަށް ފާޑުކިޔާ އެކަމަނާގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ. ހަމަލާއަށްފަހު ރައީސް ނަޝީދު އޭޑީކޭއަށް ގެންދިޔަ ވަގުތުގައިވެސް އެތަނަށް އެއްވި ރައީސް ނަޝީދުގެ ސަޕޯޓަރުންވަނީ މާރިޔާގެ އިސްތިއުފާއަށް ގޮވާފައެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންނާއި ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައިވެސް މަރިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާ އިސްތިއުފާއަށް ގޮވަމުންނެވެ.

މާރިޔާގެ އިސްތިއުފާއަށް ގޮވަނީ ސަލާމަތީ ބާރުތަކުން ރައީސް ނަޝީދަށް ދޭންޖެހޭ ރައްކާތެރިކަން އެންމެ ފުރިހަމައަށް ނުދެވޭ ކަމަށް ތުހުމަތުކޮށެވެ. އަދި ރައީސް ނަޝީދަށް ބަޔަކު ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެންބަރަށް ލިބިގެން އެ މައުލޫމާތު މާރިޔާއާ ހިއްސާކުރުމުން އެކަމަށް ފިޔަވަޅު ނާއަޅުއްވާ އަދި މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކާ މައުލުމާތު ހިއްސާ ނުކުރާކަމަށް ތުހުމަތުކޮށެވެ. އޭގެ ފަހުން މާރިޔާވަނީ ސިފަައިންގެ ދިފާއުގައި ވާހަކަ ދައްކަވާ, މަޖިލީހުގެ އިންކުއައިރީއަށް ވަކިވަކި ސިފައިން ފޮނުވުމާ މެދު ސިފައިންގެ މެދުގައި ކަންބޮޑުވުން ހުރިކަން ހާމަކުރައްވާފައެވެ. އެކަމާ ގުޅިގެންވެސް މާރިޔާއަށް އިތުރަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އެހެން ކަމުން 241 ކޮމިޓީގެ މެންބަރުން މިކަންކަމާ ބެހޭގޮތުން މިނިސްޓަރާ ސުވާލުކުރާނެ ކަމަށް ބެލެެވެއެވެ.

ނަމަވެސް މިނިސްޓަރ މާރިޔާ މީޑިއާގައި ވިދާޅުވެފައިވަނީ މަޖިލީހުގެ އިންކުއައިރީއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށާއި މަޖިލީހަށް ޖަވާބު ދާރީވުމަކީ އެކަމަނާގެ މަސްޢޫލިއްޔަތެއް ކަމަށެވެ.

މިނިސްޓަރ މާރިޔާ މިއަދު ހާޒިރުކުރިއިރު އެމްއެންޑީއެފްގެ އިސްވެރިން ދެ ވަނަ ފަހަރަށް އިއްޔެ ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެގޮތުން ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ އެސްޕީޖީގެ ކޮމާންޑަރު އިއްޔެ ހާޒިރުކުރިއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު 241 ކޮމިޓީގެ 3 މެންބަރުން ސިފައިންގެ މައިކަރުކަޒަށް ޒިޔާރަތްކޮށް އިންކުއައިރީއަށް ބޭނުންވާ މައުލޫމާތު ހޯދިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް - ފޮޓޯ: މަޖިލިސް


ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަކީ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން, ސަލާމާތީ ބާރުތަކުން އެމަނިކުފާނަށް ދެމުންދާ ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިހާތަނަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله އާއި ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމްއާއި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރުންނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާއި ސިފައިންގެ ވެރިންނާއި ވަކިވަކި ސިފައިންގެ އިތުރުން ވަކިވަކި ފުލުހުން ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިފަދަ އިންކުއައިރީއެއް ހިންގާ ފުރަތަމަ ފަހަރެވެ. އަދި މިމަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަޖިލީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު


ibrahim waheed05:50 2021/06/21

ނަޝީދަކީ އަނގަ ބޮޑު މީހެއް. އަބަދުވެސް 6 ކުޅި ކުރިޔަށް ކުޅެން މޮޅު މީހެއް. މިދަނީޔޯ، މިވެނި އެވެނި ކަންކަމޭ ކިޔައި އަޑު އަރުވަން އުޅޭ މީހެއް. އޭނާ ސިއްރު ފޯނެއް ނުގެންގުޅޭ ކަން ނުވަތަ ނޫންކަން ވެސް ބަލާބަލަ. ކޮންމެ ގޮތެއް ވިޔަސް މީހެއްގެ ފުރާނައަށް ނުރައްކާ ވާނެކަމެއް ،ވަކިން ޚާއްޞަކޮށް ބޮންފަދަ އެތައް ބަޔަކަށް ނުރައްކާ ވާނެ ތަކެތި ހުއްޓުވެން ޖެހޭނއ.

ގުޅުންހުރި