ރާއްޖެސަރުކާރު

ޖިމްތައް ހުޅުވަން ހުއްދަދީ ކާފިއު ގަޑި ކުރުކޮށްފި

22/06/2021

Admin


ޝެއަރ

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭ ސަރައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް އަނެއްކާވެސް ލުއި ދީފިއެވެ.

މިރޭ އިއުލާން ކުރި ލުއިތަކުގެ ތެރޭގައި ހިމެނެނީ ކާފިއު ގަޑި ހަވީރު 6 އިން ފެށިގެން ފަތިހު 4 އަށް ކުރުކުރުމާއި ފަތިހު 5 އިން ފެށިގެން ހަވީރު 6 އަށް ޖިމްތައް ހުޅުވުމުގެ ހުއްދަ ދިނުމާއި ކަރަންޓީން ނުވަތަ މޮނިޓަރިންގައި ނުހިމެނޭ ރަށްތަކުގެ މެދުގައި އެއްރަށުން އެނެއްރަށަށް ދަތުރުކުރުމުގެ ހުއްދަ ދިނުމެވެ.

ޖިމްތަކުން ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ ޖިމްތަކުން ސަރވިސް ޕްލޭން ހަދާ އެޕްލޭން އެޗްޕީއޭއިން ފާސްކޮށް, ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ރާވާ ކަންކަން ބެލުމަށްފަހުގައެވެ. އެޗްޕީއޭއިން ހިދުމަތް ދިނުމަށް ހުއްދަދޭ ފަރާތް ތަަކަށް ޚިދުމަތް ދެވޭނީ ފަތިހު 5 އިން ހަވީރު 6 އަށެވެ.

ދަތުރު ކުރުމަށް ދިން ލުއިގެ ދަށުން މިހާރު ކަރަންޓީން ނުވަތަ މޮނިޓަރިންގައި ނުހިމެނޭ ރަށްރަށުގެ މެދުގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ ހުއްދަވަނީ ދީފައެވެ. ނަމަވެސް މިއީ މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރުމަށް ދިން ހުއްދައެއް ނޫންކަމަށް އެޗްޕީއޭއިން ވިދާޅުވިއެެވެ.

ލުއިތައް އިއުލާން ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ, ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިތުރު ލުއިދިނުމަށް ވިސްނަމުން ދާކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް 145 މީހުން ޕޮޒިޓިވް ވިއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 61 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 77 މީހުންގެ އިތުރުން ރިސޯޓުތަކުން 7 މީހުންނެވެ.

ހިޔާލު


ގުޅުންހުރި