ރާއްޖެރައްޔިތުންގެ މަޖިލިސް

ނަފްރަތު އުފެއްދުން މަނާކުރާ ބިލު ޖުލައި 1 އަށް ނިންމަނީ

23/06/2021

Admin


ޝެއަރ

ނަފްރަތް އުފެއްދުން މަނާ ކުރުމަށް ޤާނޫނުލްއުޤޫބާތު އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަންނަ ޖުލައި 1 އަށް ނިންމުމަށް ކޮމިޓީން ފާސްކޮށްފިއެވެ.

ބިލު ދިރާސާ ކުރަމުންދާ ޖުޑީޝިއަރީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ބިލުގެ ސުންގަޑި އިތުރު ކުރުމާއި ބިލު ބޭރުކުރުމަށް ހުށަހެޅިއެވެ. ނަމަވެސް ފާސްވީ ބިލުގެ ސުންގަޑި އަންނަ ޖުލައި 1 އަށް އިތުރު ކުރުމަށެވެ. އެހެން ކަމުން މި ބިލުގެ މަސައްކަތް ޖުލައި 1 ގެ ނިޔަލަށް ނިންމާ, މަޖިލީހުގެ މިދައުރު ނިމުމުގެ ކުރިން ބިލު ފާސްކުރާނެ ކަމަށް ބެލެވެއެވެ. މަޖިލީހުގެ މިއަދު ނިމޭނީ ޖުލައި 8 ވަނަ ދުވަހުގައެވެ.

މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލުގެ ސުންގަޑި ކަނޑައެޅުމަށް 5 މެންބަރުން ވޯޓު ދެއްވިއެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ, ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު, ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު, ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް, ކެނޑިތީމް ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުއްޙަކީމް, މަތިވެރި ދާއިރާގެ ޙަސަން ޒަރީރު, ވިލިނގިލި ދާއިރާގެ ސަޢުދު ހުސެއިން, ވެލިދޫ ދާއިރާގެ މުޙައްމަދު ޢަބްދުالله ޝަފީޤް, ފޭދޫ ދާއިރާގެ މުޙައްމަދު ނިހާދުއެވެ. ސުންގަޑި ކަނޑައެޅުމާ ދެކޮޅަށް ވޯޓު ދެއްވީ ކެންދޫ ދާއިރާގެ ޢަލީ ޙުސެއިން އަދި ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޟާއެވެ.

ގިނަ މެންބަރުން ބިލުގަ ހުރި މައްސަލަތައް ފާހަގަކުރައްވާ ވާހަކަ ދެއްކި ނަމަވެސް ބިލު ކޮމިޓީން ބޭރު ކުރުމަށް ވޯޓު ދެއްވީ ކެންދޫ ދާއިރާގެ ޢަލީ ޙުސެއިން އަދި ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޟާއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދާއިރު ބިލާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ހިއުމަން ރައިޓްސް ކޮމިޝަންއިން ވަނީ ޚިޔާލު ހުށަހަޅާފައެވެ. އަދި ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމަށްވެސް ކޮމިޓީން ހުޅުވާލިއެވެ.

ހިޔާލު


ގުޅުންހުރި