ރާއްޖެރައްޔިތުންގެ މަޖިލިސް

ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ފާސްކޮށްފި

29/06/2021

Admin


ޝެއަރ

ރާއްޖޭގެ އެއަރޕޯޓުތަން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާ ކުރުމަށްފަހު، މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި، އިގްތިސޯދީ ކޮމިޓީން ބިލު ފޮނުވިގޮތަށް ވަނީ ފާސްކޮށްފައެވެ. ބިލު ފާސްކުރުމަށް 43 މެންބަރުންގެ ވޯޓު ދިންއިރު ބިލާ ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓު ދީފައެވެ.

މި ބިލަކީ މިހާރު ނަގަމުންދާ އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި ޑިޕާޗާ ޓެކުސް ނެގުމަށް ހުށަހެޅި ބިލެކެވެ. މި ބިލު ފާސްވުމުން ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގާނެއެވެ. ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނަގާނެެއެވެ. މިހާރު އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ނަގަނީ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ. އަދި އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގައެވެ. މިހާރު ގެނައި ބަދަލާއެކު އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ނަގާނެއެވެ. ނަމަވެސް އިކޮނޮމީ ކްލާހުން ފުރާ ދިވެހިންގެ އަތުން ނަގާނީ ކުރިން ވެސް ނަގަމުން އައި 12 ޑޮލަރެވެ.

ބިލާ ގުޅޭގޮތުން ވާހަކަ ދެއްކި ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވަނީ ބިލުގެ މުހިއްމުކަން ފާހަގަކޮށް މިއީ މިވަގުތަށް މުހިއްމު ބިލެއްކަމަށް ވިދާޅުވެފައެވެ. ނަމަވަސް އިދިކޮޅު މެންބަރުން ވަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ނުކޮށް މި ދަނޑިވަޅުގައި ޑިޕާޗަރ ޓެކްސް ތައާރަފްކުރުމުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާއިރު، ބިލަށް އަމަލުކުރެއްވުމުގައި ވިސްނަވާނެކަމަށް ރައީސުލޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިިހް ވަނީ ވިދާޅުވެފައެވެ.

ހިޔާލު


ގުޅުންހުރި