ރާއްޖެސަރުކާރު

ޑރ. އިޔާޒުގެ ދިފާއުގައި ހޯމް މިނިސްޓަރ އިމްރާން

01/07/2021

Admin

ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުالله


ޝެއަރ

ޑރ. މުޙައްމަދު އިޔާޒު ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއިން ވަކިކުރިކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުالله އިޔާޒު ދިފާޢުކުރައްވައިފިއެވެ.

އިޔާޒު ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުން ވަކިކުރީ މިއަދު ހަވީރުއެވެ. އިޔާޒު ވަކިކުރުމާ ގުޅިގެން ޝައިޚް އިމްރާން ކުރެއްވި ޓުވީޓެއްގައި ވީދާޅުވީ އިޔާޒުއަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަރުދަނާ ކުުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ހިދުމަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެމްއެންޔޫ އިން އިޔާޒުއަށް އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ނުދެކޭ ކަަމަށް އިމްރާން ވިދާޅުވިއެވެ.

ޑރ. އިޔާޒުއަށް ތައުރީފްކުރައްވާ މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓުގައި ގައުމީ ޔުނިވަރސިޓީގެ ނިންމުން މުރާޖާ ކުރުމަށް ގޮވާލާފައިވެއެވެެ. އޭނާ އިތުރަށް ވިދާޅުވީ ދީނީ ޚިލާފްތަކާމެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު އިލްމީ ގޮތުން ރީތި އަހްލާގީ ބަހުސްކޮށް ހައްލު ހޯދެންވާނެކަމަށެެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ޔުނިވަރސިޓީން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އިޔާޒު ވަޒީފާއިން ވަކިކުރީ އޭނާ ސޯޝަލް މީޑިއާގައި ބައެއް ކަންކަމާ ގުޅޭގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ގުޅިގެން، އެކަމާ ހިތްހަމަނުޖެހިގެން އެކަން ރަނގަޅު ކުރުމަށް ނަސޭހަތް ދިނުމުންވެސް ރަނގަޅު ކޮށްފައިނުވާތީ ކަމަށް އެމްއެންޔޫއިން ބުންޏެވެ. ސޯޝަލް މީޑިއާގައި ޑރ. އިޔާޒު ޚިޔާލު ފާޅުކުރާއިރު، ހަރުކަށި ފިކުރަށް ހިތްވަރުދޭ ގޮތަށް ޚިޔާލު ފާޅުކުރާކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ. ނަމަވެސް ޑރ. އިޔާޒުވަނީ ހަރުކަށި ފިކުރާ ދެކޮޅުކަމާއި އެކަމަށް އެއްވެސް ވަރަކަށް ހިތްވަރު ނުދޭކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް އިޔާޒު ސޯޝަލް މީޑިއާގައި ފާޅުކުރި ޚިޔާލުތަކާއި ގުޅިގެން އޭނާއަށް ނަސޭހަތްދީ އެކަން ތަކުރާރު ނުކުރުމަށް ޤައުމީ ޔުނިވަރސިޓީން އޭނާއަށް އެންގިއެވެ. އަދި އެކަން ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުވަނީ ދީފަައެވެ.

އިޔާޒުގެ މައްސަލަ އަނެއްކާވެސް ފެންމަތިވީ، އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން، އެކަމަށް ހިތްވަރުދޭ ގޮތަށް އިޔާޒު ވާހަކަ ދެއްކުމުންނެވެ. އެކަމާ ގުޅޭގޮތުން އިޔާޒު ބުނީ އަންހެނުން ހިތާނުކުރުމަކީ އިސްލާމް ދީނުގައި އޮންނަކަމެއް ނޫންކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. ނަމަވެސް އަންހެނުން ހިތާނުކުރުމަށް އޭނާ ހިތްވަރު ނުދޭކަމަށާއި އެކަމާ ގުޅިގެން ދެއްކި ވާހަކަތަކަށް އޭނާވަނީ މާފަށް އެދިފައެވެ. އަދި އެ މައްސަލަ އިސްލާމިކް މިނިސްޓްރީންވެސް ދަނީ ބަލަމުންނެވެ.

ހިޔާލު


ގުޅުންހުރި