ރާއްޖެއިދިކޮޅު

މިނިވަން ނޫސްވެރިކަމަށް ހުރަސް ނޭޅުމަށް ގޮވާލަން: އިދިކޮޅު

02/07/2021

Admin

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ޕީޕީއެމް


ޝެއަރ

އިންޑިއާގެ ޑިޕްލޮމޭޓުންނާ ގުޅޭގޮތުން 'ދިޔަރެސް' ނޫހުން ފަތުރަމުންދާ މައުލޫމާތާމެދު ކަންބޮޑުވުން ފާޅުކޮށް, ސަރުކާރާއި އެމްޑީޕީން ބަޔާން ނެރުމުން, އެކަމާ ކަންބޮޑުވުންފާޅުކޮށް މިނިވަން ނޫސްވެރިކަމަށް ހުރަސް ނޭޅުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށާއި އެމްޑީޕީއަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 'ދިޔަރެސް' ނޫހާއިން އެނޫހުގެ އެޑިޓަރު އަހުމަދު އަޒާން އިންޑިއާގެ ޑިޕްލޮމޭޓުންނާ ގުޅޭގޮތުން ފަތުރަމުންދާ މައުލޫމާތާ މެދު ކަންބޮޑުވާ ކަަމަށާއި އެއީ ރައްޖެއާއި އިންޑިއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން ހީނަރުކޮށް ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކުރިއާލާ ރޭވިގެން ކުރަމުންދާ ކަމެއް ކަމަށެވެ.

'ދިޔަރެސް' ނޫހުން އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރއަށް ބޮޑެތި ތުހުމަތުކޮށް ލިޔުނު ލިޔުމާ ގުޅިގެން, އިންޑިއާއިން ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ޑިޕްލޮމޭޓުންގެ ކަރާމަތް ނާގާލާ މައުލޫމާތު ފަތުރަމުންދާ މީޑިއާ ދެކޮޅަށް ފިޔަވަޅު އަަޅައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައެވެ. އަދި ޑިޕްލޮމޭޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެދިފައިވެއެވެ.

މިކަމާ ގުޅޭގޮތުން, އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު އަޒާންއަށް އަމާޒުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ނެރުނު ބަޔާނަކީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އެ ބަޔާނުގައި އިތުރަށް ބުނީ, މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރު ކަމަށްވީހިނދު، މިއީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ އަދި ނޫސްވެރިންގެ ގަލަމުގެ މިނިވަންކަމަށް އަރައިގަނެވޭފަދަ ކަމެއް ކަމަށެވެ.

ދިޔަރެސް ނޫހުގެ ކޯ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު އަޒާން


މީގެ އިތުރުން އިދިކޮޅުން ބުނީ މީޑިއާގެ ފަރާތްތަކަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ކަމާބެހޭ މުއައްސަސާތަކުން ކުރަންޖެހޭ ކަމަކަށްވާއިރު، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ މިފަދަ އިންޒާރުތަކާއި ބިރުދެއްކުމުގެ ޢަމަލުތައް ބަލާ އެފަރާތްތަކަށް ރައްކާތެރި މާޙާއުލެއް ޤާއިމްކޮށްދިނުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކުން ކުރަންޖެހޭ ކަމަށެވެ. އަދި ވަކި ފަރާތަކަށް ނުޖެހި މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މަގު ފަހި ކޮށްދިނުމަށްވެސް އިދިކޮޅުން ގޮވާލާފައިވެއެވެ.

އިންޑިއާގެ ޑިޕްލޮމޭޓުންނާ ގުޅޭގޮތުން 'ދިޔަރެސް' ނޫހުން އާންމުކޮށްފައިވާ މައުލޫމާތުގެ މައްސަލަ ބޮޑުވެ, 'ދިޔަރެސް'އަށް ފިޔަވަޅު އަޅަން އެދިފައިވާއިރު ފޮރިން މިނިސްޓްރީންވެސް ވަނީ ޚާރިޖީ ގުޅުންތަކަށް ބުރުނާރާގޮތަށް މީޑިއާއިން އަމަލުކުރުމަށް ނަސޭހަތްތެރިވެފައެވެ.

ހިޔާލު


ގުޅުންހުރި