ރާއްޖެސަރުކާރު

ކާފިއު އުވާލާ، ވެކްސިން ޖަހާފައިވާ މީހުންނަށް ލުއިދީފި

07/07/2021

Admin


ޝެއަރ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު އުވާލާ، ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަދީފިއެވެ.

މިއަދު އިއުލާންކުރި ލުއިތަކުގެ ތެރޭގައި ހިމެނޭ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ކަރަންޓީންނުވެ ދަތުރުކުރެވޭނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށެވެ. އަދި އެ ރަށްތަކަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރ ޓެސްޓެއް ބޭނުންވާނެއެވެ. ރަށްރަށުގެ ތެެރެއިން ޕޮޒިޓިވްވާ އަދަދު 5 ޕަސެންޓުގައި ހުރި ރަށްތަކަށް ދަތުރުކުރާނަމަ 7 ދުވަހަށް ކަރަންޓީންވާން ޖެހޭނެއެވެ. ޕޮޒިޓިވްވާ އަދަދު 10 ޕަސެންޓަށްވުރެ މަތިނަމަ 14 ދުވަހަށް ކަރަންޓީން ވާންޖެހޭނެއެވެ.

ރިސޯޓު މުވައްޒަފުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ފަރާތްތަކަށްވެސް ކަރަންޓީންނުވެ ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަވަނީ ދީފައެވެ. އަދި ރިސޯޓުތަކުން ކޮންމެ މަހަކު މުވައްޒަފުންގެ 10 ޕަސެންޓުގެ ސާޕަލް ނަގާ ޓެސްޓުކުރަންޖެހެއެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ފަތުރުވެރިންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވިނަމަވެސް ޕީސީއަރ ނެގެޓިވް ޓެސްޓެއްގެ އިތުރުން 7 ދުވަހަށް ކަރަންޓީންވާން ޖެހޭނެއެވެ. އަދި ޖުލައި 15 ފެށިގެން ދެކުނު އެޝިޔާގެ ފަތުރުވެރިންނަށް ރިސޯޓުތަކަށް ދިއުމުގެ ހުއްދަވަނީ ދީފައެވެ. ނަމަވެސް ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ގެސްޓް ހައުސްތަކަށް ދެވޭނީ 20 ޖުލައި އިން ފެށިގެންނެވެ. އަދި ފަތުރުވެެރިންނަށް ދެވޭނީ ގެސްޓު ހައުސް ހުންނަ ރަށްތަކުގެ އާބާދީގެ 60 އަށް ވެކްސިން ޖަހާފައިވާ ރަށްތަކަށެވެ.

މާލޭގައި ކާފިއު އުވާލާ، ގައިޑްލައިނާ އެއްގޮތަށް ސިނަމާތަކާއި ވިޔަފާރިތައް ހުޅުވާލުމުގެ ހުއްދަވަނީ ދީފައެވެ. އެގޮތުން ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތައް ރޭގަނޑު 11:30 އަށް ހުޅުވާ ހިދުމަތް ދެވޭނެއެވެ.

މީގެ އިތުރުން 30 މީހުން ހިމެނޭ އެއްވުންތައް ބޭއްވުމުގެ ހުއްދަވަނީ ދީފައެވެ. އަދި ކުޅިވަރު ކުޅޭ ސަރަހައްދުތަކާއި ތަންތަން ހުޅުވާލުމުގެ ހުއްދަދިން ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުން އެދިވެސް މަނަލެވެ.

ހިޔާލު


ގުޅުންހުރި