ރާއްޖެރައްޔިތުންގެ މަޖިލިސް

އިންކުއައިރީ ރިޕޯޓު ތިން ބާރުގެ ވެރިންނަށް އަރުވައިފި

11/07/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އެކުލަވާލި ޕާލަމެންޓް އިންކުއައިރީގެ ފުރިހަމަ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އަދި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއަށް މިއަދު އަރުވައިފިއެވެ.

މި ރިޕޯޓު ފުރަތަމަ އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސާލިހަށެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު އެރުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއާއި ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާއެވެ.

ރައީސް އޮފީހުގައި ބެއްވި ރަސްމިއްޔާތަށްފަހު މިއަދު މެންދުރު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ވަނީ ރިޕޯޓުއަރުވާފައެވެ. އަދި މެންދުރުފަހު ސްޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއަށް ރިޕޯޓު އެރުވިއެވެ.

އިންކުއައިރީ ރިޕޯޓު މަޖިލީހުގެ ރައީސަށް އެރުވުމަށް ބޭއްވި އޮންލައިން ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މަޖިލިސް


ޕާލަމެންޓް އިންކުއައިރީ ރިޕޯޓާ ހަވާލުވެވަޑައިގަތުމަށްފަހު, ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިޞްލާހުކުރަން ހުރި ކަންކަން އިޞްލާހު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ރިޕޯޓާ ހަވާލުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ, މި ރިޕޯޓަކީ މިހާތަނަށް މަޖިލީހުން އެކުލަވާލި މުހިއްމު އަދި ފުރިހަމަ ރިޕޯޓެއް ކަަމަށެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ސަރުކާރުން އަވަހަށް ތަންފީޒުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

241 ކޮމިޓީގެ އެކުލަވާލި ފުރިހަމަ ރިޕޯޓު އެރުވީ ހަމައެކަނި 3 ބާރުގެ ވެރިންނަށެވެ. ކޮމިޓީން އާންމުކުރި ރިޕޯޓަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ގިނަކަންކަން އުނިކުރުމަށްފަހު ނެރުނު ރިޕޯޓެކެވެ. އާންމުކުރި ރިޕޯޓުގައިވެސް ބައެއްކަންކަން ސިއްރުކޮށްފައިވާއިރު, ސިއްރުުކުރި މައުލޫމާތު ވަނީ ލީކްވެފައެވެ.

ހިޔާލު


ގުޅުންހުރި