ރާއްޖެރައްޔިތުންގެ މަޖިލިސް

އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ޖީހާން

11/07/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ހޮވިވަޑައިގެންފިއެވެ.

އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަންރައިޓްސް ކޮމިޓީއަށް ޖީހާން ހޮވުނީ އޭޝިޔާ ޕެސިފިކް ގައުމުތަކުގެ ތެރެއިން ތިން މެންބަރުން ހޮވުމަށް ކަނޑައަޅާފައިވަނިކޮށް ކުރިމަތިލާފައިވާ 2 ގައުމުން ނަން އަނބުރާ ގެންދިއުމުން ވޯޓަކާ ނުލައެވެ. މިއީ މި ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

ޖިހާން ހޮވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދުވަނީ މަރުޚަބާ ވިދާޅުވެ, އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީގެ ދިފާއުގައި ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. އަދި އދގެ ޢާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދުވެސް ވަނީ ޖީހާންއަށް މަރުހަބާ ވިދާޅުވެފައެވެ.

އިންޓަރ ޕާލަމެންޓަރީ ޔޫނިއަން ނުވަތަ އައިޕީޔޫއަކީ މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކާ ދެމެދު ގުޅުން ވަރުގަދަ ކުރުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ. އައިޕީޔޫގެ ކޮމިޓީތަކުން ބަލާނީ މެންބަރު ޤައުމުތަކުން ހުށަހަޅާ މައްސަލަތަކެވެ.

ޖީހާން އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލަށް އުފެއްދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރެވެ. އެ ކޮމިޓީންވަނީ ކޮމިޓީގެ އިސްނެގުމަށް މުހިއްމު ގިނަ މައްސަލަތައް ބަލާ, ކަމާ ގުޅުންހުރި މުއައްސަސާތައް މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ކަންކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ބަޔާންކޮށް އެ ފިޔަވަޅުތައް ތަންފީޒުކުރޭތޯ ކޮމިޓީން ދަނީ ބަލަމުންނެވެ.

ހިޔާލު


ގުޅުންހުރި