ރާއްޖެސަރުކާރު

އައްބާސް ފާއިޒު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

12/07/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވާފައިވާ ޚާއްޞަ މަންދޫބު، މިސްޓަރ އައްބާސް ފާއިޒް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ މަސަކަތްތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އައްބާސް ފާއިޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރައްވާފައި މުހިންމު މަސައްކަތްތަކާ އަދި ކުރިޔަށް މަސައްކަތްތައް ރާވާލައްވާފައިވާ ގޮތުގެ މަޢުލޫމާތުތައް ވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ވީހާވެސް އިންސާފުވެރިކޮށް، ދެފުށް ފެންނަގޮތަށް ކުރިޔަށްދާން އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ މިސްޓަރ އައްބާސް ފާއިޒް ހަމަޖައްސަވާފައި ވަނީ 2021 މެއި 19 ވަނަ ދުވަހުގައެވެ.

މޭ މަހުގެ 6 ވަނަ ދުވަހުގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، މި މައްސަލައިގައި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އެބޭފުޅާ ތައްޔާރުކުރައްވާނެއެވެ.

ރައީސް ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނު ސަލާމަތީ ކަންކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ޕާލަމެންޓަރީ އިންކުއައިރީ ކުރިއަށް ގެންދަވާފައެވެ. މި އިންކުއައިރީން ފާހަގަކުރެވުނު ކަންކަން އެކުލެވޭ ރިޕޯޓު އިއްޔެ ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.

ހިޔާލު


ގުޅުންހުރި