ރާއްޖެސަރުކާރު

އޮޑިޓަރ ޖެނެރަލް ކަމުގެ ‌‏މަގާމަށް ޙުސައިން ނިޔާޒީ އައްޔަން ކުރައްވައިފި

13/07/2021

Admin


ޝެއަރ

އޮޑިޓަރ ޖެނެރަލް ކަމުގެ ‌‏މަގާމަށް ގަލޮޅު އައިފަ، ޙުސައިން ނިޔާޒީ ޢައްޔަން ކުރައްވައި، މަގާމުގެ ‌‏ފަތްކޮޅު ދެއްވައިފިއެވެ. ‏

‌‌‌‏ޙުސައިން ނިޔާޒީއަށް އޮޑިޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ހަވާލު ކުރުމުގެ ‌‏ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ‌‌‏ ޙުސައިން ނިޔާޒީ ‏ކުރައްވައި، ‌‌‏ހުވައިގެ އިގްރާރުގައި ސޮއިކުރެއްވިއެވެ. ‏

ޙުސައިން ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެކުރިން ޙުސައިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ. ނިޔާޒީ އެމަގާމަށް އައްޔަނުކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފްތާގައެވެ.

ޙުސައިން ނިޔާޒީ އަކީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ނިޔާޒީ ފުރުއްވި މަގާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަގާމާއި، އޮޑިޓް މެނޭޖަރކަމުގެ މަގާމާއި، އެސިސްޓަންޓް އޮޑިޓަރ ކަމުގެ މަގާމުވެސް ހިމެނެއެވެ. މީގެ އިތުރުން ނިޔާޒީ އަކީ އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ ކައުންސިލް މެންބަރެކެވެ. އަދި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ އެޑްމިޝަން އެންޑް ލައިސަންސިންގ ކޮމިޓީގެ ޗެއަރޕަރސަންވެސް މެއެވެ. މީގެ އިތުރުން ވެސް ނިޔާޒީއަކީ މި ދާއިރާއާ ގުޅޭ ތަފާތު އެކި މަގާމުތައް ފުރުއްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ހިޔާލު


ގުޅުންހުރި