ރާއްޖެސަރުކާރު

ޔުނިސެފް ސަފީރު ފަސްޓްލޭޑީ ފަޒްނާއާ ބައްދަލުކުރައްވައިފި

14/07/2021

Admin


ޝެއަރ

ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް މިސް މަރްޖާން މޮންތަޒެމީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ މުލިއާގޭގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިސް މޮންތަޒެމީ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ކަމާއި ހަވާލުވެވެޑައިގެންނެވުމުން އެކަމަށް މަރުޙަބާ ދަންނަވާފެއެވެ. އަދި ދެބޭފުޅުން ވަނީ ކުޑަކުދިންގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ތަޢުލީމާއި، ކޮވިޑްގެ ސަބަބުން އެކުދިންނަށް ކޮށްފާނެ އަސަރުތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މިސް މޮންތަޒެމީ ވަނީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ސަޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް ޔުނިސެފުން ރާވާމުންދާ ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ހިއްސާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެކަމަނާވަނީ ޔުނިސެފުން ކުރިއަށް ރާވާ ހިންގާ ޕްރޮގްރާމްތަކުގައި އެކަމަނާގެ އެއްބާރުލުމާއި އެހީތެރިކަން ކުރިއެކޭވެސް އެއްފަދައިން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި މިސް މޮންތަޒެމީ ވަނީ ރާއްޖޭގައި މިވަގުތު ކޮވިޑް-19 ގެ ސަބަބުން އެޅިފިޔަވަޅުތަކާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޑަކުދިން ގޭގައި ތިބެންޖެހުމުން ކުޑަކުދިންނަށް ބޭރުގައި ނިކުމެއުޅުމާއި ސްކޫލަށް އަނބުރާ ދިއުމަށް ބޮޑު ހިތްނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައިވާ ވާކަން ފާހަގަ ކުރައްވާފައެވެ. ވުމާއިއެކު، މިވަގުތު ކުޑަކުދިންނަށް އެންމެ މުހިއްމުކަމަކީ ރައްކާތެރިކަމާއެކު އަލުން އަނބުރާ ސްކޫލަށް ނުކުމެވޭނެ ގޮތް މެދުވެރިވުންކަމުގައި އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ، ޔުނިސެފުން ރާއްޖެއަށް ކޮށްދެއްވަމުންގެންދަވާ ކަންކަން އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި ދަޢުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ކޮށްދެއްވާ ކަންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ހިޔާލު


ގުޅުންހުރި