ރާއްޖެސަރުކާރު

ޤުރްއާން ހިތުދަސްކުރި އަމަންއާ ރާއީސްގެ ދެކަނބަލުން ބައްދަލުކުރައްވައިފި

15/07/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

އުމުރުން 6 އަހަރާ 9 މަސްދުވަހުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރު، އަމަން އަޙްމަދު އާތިފްއާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ އަމަންއަށް ހޫނު މަރުޙަބާއެއް ކިޔުއްވާފައެވެ. އަދި އެހާ ހަގު އުމުރެއްގައި ކީރިތި ޤުރްއާން ހިތުދަސް ކުރީތީ، އެކަމަށް ތަޢުރީފު ކުރައްވައި, ހޯދި ކާމިޔާބީއަށްޓަކައި އުފާފުޅު ވާކަމަށް ވިދާޅުވިއެވެ. އަދި އަމަންގެ މަންމަ ލުބާނާ މުޙައްމަދާއި، ބައްޕަ- މުޙައްމަދު އާތިފު އެކަމަށްޓަކައި ކުރެއްވެވި ބުރަ މަސައްކަތް ފާހަގަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އަމަންގެ މައިންބަފައިންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި އަމަން ޤުރްއާން ހިތުދަސް ކުރުމަށް ޝައުޤުވެރިކަން އުފެދުނު ގޮތާއި ބެހޭ ގޮތުން ރައީސް އޮޅުން ފިލުއްވިއެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން، އަމަން ވަނީ ޤުރްއާނުން ކުރު ސޫރަތެއް ކިޔަވައިދީފައެވެ.

އަމަން ކީރިތި ޤުރްއާން ހިތުދަސް ކުރުމާ ގުޅިގެން، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖޫމްހޫރިއްޔާއެވެ. މީގެ އިތުރުން އަމަންއަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސް ވަނީ ޚާއްސަ އިނާމެއްވެސް ދެއްވާފައެވެ. އަދި އަމަންއަކީ ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޟެއްގެ ގޮތުގައި ރެޖިސްޓަރ ކުރުމަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ވަނީ ޙާފިޟު ކަމުގެ އިމްތިޙާނުގައި އޭނާ ބައިވެރި ކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅާފައެވެ.

އަމަން ތަޢުލީމު ހާސިލް ކުރަމުން އަންނަ އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ އެމެރިކާގެ ކަރިކިއުލަމަކަށް ކިޔަވައިދޭ ސްކޫލެކެވެ. 2013 ވަނަ އަހަރުގެ 3 ޖެނުއަރީގައި މި ސްކޫލު ވަނީ މިނިސްޓރީ އޮފް އެޑިއުކޭޝަންގައި ރެޖިސްޓްރީ ކޮށްފައެވެ. އަދި ކީރިތި ޤުރްއާނާއި އިސްލާމީ ތަރުބިއްޔަތުގެ އިތުރުން ދިވެހި ބަސް އަދި އަރަބިބަސް ވެސް މި ސްކޫލުގައި ކޯރ ކަރިކިއުލަމްގެ ގޮތުގައި ކިޔަވައިދެއެވެ.

ހިޔާލު


ގުޅުންހުރި