ރާއްޖެސަރުކާރު

ރައީސްގެ ދެކަނބަލުން ކުޅުދުއްފުށީގެ މުހިއްމު ތަންތަނަށް ޒިޔާރަތްކުރައްވައިފި

17/07/2021

Admin


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ ދެކަނބަލުން ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީ ސިޓީގެ މުހިއްމު ތަންތަނަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ ވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތީ އިއްޔެ ހަވީރުއެވެ. އިއްޔެ ހަވީރު އެމަނިކުފާނުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ވެރިންނާ ބައްދަލުކުރައްވާ, ހޮސްޕިޓަލުން މިހާރު ދެމުންދާ ހިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ބައްލަވާ ލެއްވިއެވެ.

ރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ ހދ. އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި އަދި، މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމާއި ގުޅޭގޮތުންނާއި، ރަށްރަށުގެ ބަނދަރާއި، ފެނާއި ނަރުދަމާ އަދި، ސްކޫލްތަކާއި، ޒުވާނުންނަށް ބޭނުންވާ އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އަތޮޅުކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށި ސިޓީގެ ބައެއް ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް އަޑުއައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު, ރޭ ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރުގައި ތިބި ބައެއް ކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ. އަދި، އެކަމަނާ އެ ސެންޓަރުގެ ޙާލަތު ބައްލަވާލައްވައި އެ ސެންޓަރު ހިންގުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވާވިއެވެ. މިގޮތުން، ސެންޓަރުގެ އިސްވެރިންނާއި އެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި ކަމާގުޅޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތްކުރާނެ ގޮތްތަކާއި، ސެންޓަރު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އިސްވެރިން ވަނީ ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި، ޕްލޭންކުރެވިފައިވާ ޢުމްރާނީ މަޝްރޫޢުތައް ބާރަށް ކުރިޔަށްދާތީ އެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއި، ބޭނުންވާ އިތުރު ކަންކަމާއި އިންސާނީ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމާއި ބެހޭގޮތުން އަދި ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ސްކޫލްތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އަފީފުއްދީން ސްކޫލަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ވަޑައިގަތުން - ފޮޓޯ: ރައީސް އޮފީސް


މީގެ އިތުރުން, މިއަދު ހެނދުނު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން އެތަނުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ އައު ޤާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި އަދި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން މިހާރު ފުލުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުރާޓަރޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާކުރުންވެސް ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޖުތަމަޢަށް އެންމެ ބޮޑަށް ބޭނުންވަނީ ޤާނޫނުތައް ހިންގުންކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ޚިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި ޢާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މިއަދު ހެނދުނު ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އޮފީހުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެބޭކަނބަލުންގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ ކަނބަލުން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ މަގެއް ފަހިކޮށްދިނުމަށާއި، ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ކުރިއަށް ދެވެން އޮތް ހަނި ދާއިރާ އިތުރަށް ފުޅާކޮށްދިނުމަށާއި، މަތީ ތަޢުލީމު ހާޞިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުމުންދޫއަށެވެ. އެރަށުގައިވެސް އެދެކަނބަލުން ވަނީ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށާއި، ކުމުންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގައި ވެސް އެދެކަނބަލުން ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި، ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށާއި، ހަނިމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ހަވީރުއެވެ.

ހިޔާލު


ގުޅުންހުރި