ރާއްޖެސަރުކާރު

ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

18/07/2021

Admin


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީގޮތުން ފައްޓަވައިދެއްވައިފިއެވެ. މި މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ މަގުހަދާ ވެހިކަލް ބޭނުން ކުރައްވައިގެންނެވެ.

ހަނިމާދޫ މަގުހެދުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ކުރިޔަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ 20 މަގެއްގައި ޖުމްލަ 6.4 ކިލޯ މީޓަރުގެ ދިގު މިނުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް މަގު ހަދާނެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ހދ. ހަނިމާދޫ ކައުންސިލާއި، ހެލްތު ސެންޓަރަށާއި، ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތުވެސް މިއަދު ބައްލަވާ ލައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތުގެ މައުލުމާތު ސާފުކުރައްވާފައެވެ.

ހަނިމާދޫން ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް މިއަހަރުގެ ފަހުކޮޅު ބިޑަށް ހުޅުވާލުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ހަނިމާދޫ ބަނދަރު އަޕްގްރޭޑްކުރުން ކުރިޔަށްދާއިރު އެމަސައްކަތް ކުރިޔަށްދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިހާރު ކުރިޔަށްދަނީ ބަނދަރުގެ ބްރޭކްވޯޓަރގެ މަސައްކަތެވެ. ހަނިމާދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން އެ ސްކޫލުގައި މަލްޓިޕާޕަސް ހޯލްއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށްދެއެވެ.

ހިޔާލު


ގުޅުންހުރި