ރާއްޖެރައްޔިތުންގެ މަޖިލިސް

ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވޭ ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވައިފި

21/07/2021

Admin


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން މި ހަމަލާ ގުޅިގެން ދައުވާކޮށް ކުރުމަށް ފޮނުވާފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ, ތަހުގީގުން ހޯދާފައިވާ ހެއްކާއި ގަރީނާތައް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މާހިރުންގެ އެހީއާއެކު ހަމާލާގެ ތަހުގީގު ފުޅާކޮށް އަދިވެސް ކުރިއަށްދާނެ ކަމަށެވެ.

ފުލުހުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން, ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ފުލުހުން ދައުވާކޮށްދިނުމަށް އެދި ފޮނުވި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އަދި އެކަމުގެ ތަފުސީލު 24 ޖުލައިގައި ފުލުހުންނާއެކު ބާއްވާ ނޫސްވެރިންގެބައްދަލުވުމުގައި ދެއްވާނެކަމަށެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ހަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައެވެ.

ހަމަލާއާ ގުޅިގެން 4 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު, ހައްޔަރުކުރި މީހުންނާއި ހައްދުފަހަނައަޅާފައިވާ އައިސިސް ފިކުރާ ގުޅުން ހުރިކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ހިޔާލު


ގުޅުންހުރި