ވިޔަފާރި

ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނެވޭނެ ހަލާތްތައް އާންމުކޮށްފި

21/07/2021

Admin


ޝެއަރ

މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުމުގައި އަމަލުކުރާނެ އުސޫލު ބަދަލުކޮށް މިރޭ އެ އުސޫލު އެޗްޕީއޭއިން އާންމުކޮށްފިއެވެ.

މިރޭ އިއުލާން ކުރި އާ އުސޫލުގައިވާ ގޮތުން ރަށްރަށުގެ ގެސްޓު ހައުސްތަކަށް ގެނެވޭނީ ޑަބްލިއުއެޗްއޯ އިން އެމަޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނާއި އެމީހުންނާއެކު ދަތުރުކުރާ ކުޑަކުދިންނަށެވެ. ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ޗެކިން ވެވޭނީ ރަށުގެ އާބާދީގެ %60 މީހުން ވެކްސިން ޖަހާފައިވާ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށެވެ.

ރާއްޖޭގައި ބަލި ފެތުރެން ފެށުމުން މިދިޔަ މޭ މަހުން ފެށިގެން ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ރާއްޖޭ ނާދެވޭގޮތް ހެދިއެވެ. ނަމަވެސް އެންމެ ފަހުން ދިން ލުއިތަކާއެކު ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ޓުރިސްޓު ރިސޯޓްތައް އާދެވޭގޮތް ވަނީ ހަދާފައެވެ. އަދި މިރޭ އިއުލާންކުރި މި އުސޫލުގެ ދަށުން ދެކުނު އޭޝިޔާގެ ފަތުރުވެރިންނަށް ގެސްޓް ހައުސްތަކަށްވެސް ދެވޭނެއެވެ.

ވެކްސިން ފުރިހަމަ ކުރުމާއެކު, 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރުވެސް ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެއެވެ.

ރަށުގައި ދިރިއުޅޭ އާބާދީގެ %60 އަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވާނަމަ ވެކްސިން ފުރިހަމަ ނުވާ ފަތުރުވެރިންނަށް ވެސް އެރަށްރަށުގެ ގެސްޓްހައުސްތަކަށް އާދެވޭނެއެވެ. ނަމަވެސް ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައި ހުންނަން ޖެހޭނެއެވެ. ރަށުގައި ދިރިއުޅޭ 65 (ފަސްދޮޅަސް ފަހެއް) އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ހުންނަން ޖެހެނެކަމަށް މިރޭ އިއުލާންކުރި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު


ގުޅުންހުރި