ރާއްޖެސަރުކާރު

"ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވީ ބަޔަކު ފަންޑު ކޮށްގެނެއް ނޫން"

24/07/2021

Admin


ޝެއަރ

މޭ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ބަޔަކު ފަންޑުކޮށްގެން, ހަމަލާގެ އިނާމެއްގެ ގޮތުގައި ފައިސާ ހުށަހަޅާފައިވާ ކަމެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިރޭ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވީ, މި ހަމަލާއަކީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާއެއް ނޫންކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ހަމަލާ ދިން މީހުންގެ އަމިއްލަ މަގްސަދެއް ހާސިލްކުރުމަށް ދިން ހަމަލާއެއް ކަމަށެވެ. އަދި ހަމަލާއަކީ ހަރުކަށި ފިކުރާ ގުޅުހުންހުރި, ފިކުރީ ސަބަބުތަކައްޓަކައި ދީފައިވާ ހަމަލާއެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ހަމަލާއަށް ބޭނުންވާ ތަކެއްޗާއި ކަންކަމަށް ޚަރަދުކޮށްފައިވާ ގޮތާއި އެކަމުގެ ތަފުސީލު ހޯދާފައިވާ ކަމަށެވެ. އެގޮތުން ހަމަލާގައި ބޭނުންކުރި ސައިކަލް ގަތުމާއި ބޮން ހެދުމަށް އެޕާޓްމަންޓެއް ކުއްޔަށް ނެގުމާއި އެމީހުން ދަތުރު ޚަރަދުތަކުގެ ތަފުސީލު އެނގޭ ކަމަށެވެ.

"މިހާތަނަށް ތަހުގީގަށް ހޯދުނު ހޯދުންތަކަށް ބަލާއިރު, މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އެނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ފައިސާ ދީގެން ކުރުވާފައިވާ ކަމެއްކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށް ނެތް" ރިޔާޒު ވިދާޅުވިއެވެ.

ފުުލުހުން އިތުރަށް ވިދާޅުވީ ހަމަލާ ދިން މީހުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ, ލޭ ހުއްދަ މީހެއްގެ ގޮތުގައެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލަން މީގެ ކުރިންވެސް ރާވާފައިވާކަން ފުލުހުންވަނީ ހާމަކޮށްފައެވެ. އެގޮތުން ރައީސް ނަޝީދު ކުރިން ދިރިއުޅުއްވި މ. ޔާގޫތުގޭގެ ކައިރީގައި ސައިކަލް ގޮއްވާލައިގެން ހަމަލާދޭން މަސައްކަތް ކުރިކަމަށެވެ. އަދި ރައީސް ނަޝީދު ކަސްރަތަށް ނިކުންނަވާ ގަޑީގައި މޭރީ ބްރައުން ކައިރީގައި އޮންނަ ޕާކިން ސަރަހައްދުގައި ސައިކަލް ގޮއްވާލައިގެން ހަމަލާދޭންވެސް މަސައްކަތް ކުރިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމަލާދިން މީހުންގެ ހަރަކާތްތައް ދައްކުވައިދޭ ވީޑީއޯތައް ވަނީ އާންމުކޮށްފައެވެ. އެގޮތުން ހަމަލާ ރޭވުމާއި ހަަމަލާ ދިނުމަށްފަހު އަމަލުކޮށްފައިވާ ގޮތް ދައްކުވައިދީފައިވެއެވެ. ރައީސް ނަޝީދަށް ފާރަލުމަށްފަހު އެމަނިކުފާނު ގެ ގޮޅުން ނިކުމެގެން އައިސް ސައިކަލާ ހަމަވާތަކުން ބޮން ގޮއްވާލާފައިވަނީ, މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަދުހަމްކަން ޔަޤީން ކުރެވޭކަމަށް ފުލުހުން ބުންޏެވެ.

މި ހަމަލާއާ ގުޅިގެން 10 މީހުން ފުލުހުންގެ ހައްޔަރުގައި އެބަތިއްބެއެވެ. އޭގެ ތެރޭގައި ހިމެނޭ 4 މީހުންނަށް ދައުވާކުރަން ވަނީ ފޮނުވާފައެވެ. ދައުވާކުރަން ފޮނުވާފައިވަނީ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުއާއި ތަހުމީން އަހްމަދުގެ އިތުރުން އަހުމަދު ފާތިހުގެ މައްޗަށެވެ.

ހިޔާލު


ގުޅުންހުރި