ރާއްޖެސަރުކާރު

ފުލުހުންގެ ތަހުގީގަށް އިމްރާންއާއި އަސްލަމްގެ ތައުރީފް

25/07/2021

ޒައިން ރަޝީދު


ޝެއަރ

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުالله އާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ތަޢުރީފު ކުރައްވައިފިއެވެ.

ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އާންމުކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުالله ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, މޭ 6ގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ބޮޑު, އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގުކަމަށެވެ. އިމްރާން ވިދާޅުވީ ފުލުހުންގެ އެކި ޑީޕާޓްމަންޓްތަކުގެ އެތައްސަތޭކަ ފުލުހުންގެ ބައިވެރިވުމާއެކު ތަހުގީގު ކާމިޔާބު ކުރުމަށް ކުރި މަސައްކަތް ބަލައިގަންނަ ކަމަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވަނީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ މައުލޫމާތާއި އެމީހުންގެ ހަރަކާތްތައް ހުރި ގޮތް ދައްކުވައިދޭ ވީޑިއޯ ފުޓޭޖުތައްވެސް ދައްކާލާފައެވެ. ފުލުހުން ބުނީ ހަމަލާއަކީ ހަރުކަށި ފިކުރާ ގުޅުހުންހުރި, ފިކުރީ ސަބަބުތަކައްޓަކައި ދީފައިވާ ހަމަލާއެއްކަމަށެވެ. ނަމަވެސް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ބަޔަކު ފަންޑުކޮށްގެން, ހަމަލާގެ އިނާމެއްގެ ގޮތުގައި ފައިސާ ހުށަހަޅާފައިވާ ކަމެއް ނޫންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ, 6 މެއި ގައި ރައީސް މުޙައްމަދު ނަޝީދު އަވާހާރަކޮއްލުމަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ފުލުހުން ހޯދަމުން ގެންދާ ކުރިއެރިއެރުން ތަކަށް ތައުރީފުކުރާ ކަމަށެވެ. އަދި ތަހުގީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލުވެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވިއިރު, ރައީސް ނަޝީދަށް ފޯރުކޮށްދެމުންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް 241 ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލަމެންޓަރީ އިންކުއައިރީ އިން ސަލާމަތީ ބާރުތަކުގެ ބޮޑެތި އިހުމާލުވުންތައް ހުރިކަންވަނީ ފަހަގަކުރެވިފައެވެ. އެގޮތުން, ރައީސް ނަޝީދަށް ހަރުކަށި ފިކުރުގެ ބަޔަކު ފާރަލަމުން ދިޔަކަމާއި އަދި އެމަނިކުފާނަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާކަން ސަލާމަތީ ބާރުތަކަށް އެނގޭކަމަށް ޕާލަމެންޓަރީ އިންކުއައިރީ ރިޕޯޓުން ހާމަވެއެެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރު ލިބޭގޮތަށް ފުލުހުންވެސް ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލަން މީގެ ކުރިންވެސް ރާވާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ކުރިން ދިރިއުޅުއްވި މ. ޔާގޫތުގޭގެ ކައިރީގައި ސައިކަލް ގޮއްވާލައިގެން ހަމަލާދޭން މަސައްކަތް ކުރިކަމަށް ފުލުހުން ބުންޏެވެ. އަދި ރައީސް ނަޝީދު ކަސްރަތަށް ނިކުންނަވާ ގަޑީގައި މޭރީ ބްރައުން ކައިރީގައި އޮންނަ ޕާކިން ސަރަހައްދުގައި ސައިކަލް ގޮއްވާލައިގެން ހަމަލާދޭންވެސް މަސައްކަތް ކުރިކަމަށް ފުލުހުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި