ރާއްޖެސަރުކާރު

ޖަލުގައި ރައީސް ނަޝީދަށް އަނިޔާ ދިންކަމަށް ބުނާ ވާހަކައިގެ ހަގީގަތެއް ނެތް: ރައީސް މައުމޫން

26/07/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

ރައީސް ނަޝީދު ޖަލުގައި ހުންނެވި އިރު، އެމަނިކުފާނަށް ބޮޑެތި އަނިޔާ ދެއްވި ކަމަށް ދެކެވެމުން އައި ވާހަކަތައް ރައީސް މަޢުމޫން ދޮގު ކުރައްވައިފިއެވެ.

ރައީސް މަޢުމޫނުގެ ވެރިކަމުގައި ރައީސް ނަޝީދު ޖަލަށް ލައްވައި، ރައީސް ނަޝީދަށް ފުޅިތޮށި ކާންދިނުމުގެ އިތުރުން، ޖަނަރޭޓަރަކާލައި ބަނދެފައި ބެހެއްޓި ކަމަށް ދެކެވޭ ވާހަކަތައް ރައީސް މަޢުމޫން ދޮގު ކުރެއްވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީން ގެނެސްދިން "މިނިވަން އުފާ" ލައިވް ކަވަރޭޖުގައި ދެއްވި އިންޓަރވިއުގައެވެ.

ރައީސް މަޢުމޫން ވިދާޅުވީ، ޖަލުގައި ތިބޭ މީހުންނަށް އަނިޔާ ކުރުމަށް އެއްވެސް އިރެއްގައި އެމަނިކުފާނު ހުއްދަ ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ޖަލުގައި ތިބޭ މީހުންނަށް އަނިޔާ ކުރާ ކަމުގެ މަޢުލޫމާތެއް ނުވަތަ ޝަކުވާއެއް އެމަނިކުފާނަށް ލިބިވަޑައިގެންފި ނަމަ، އެކަމެއް ތަޙުޤީޤު ކޮށް، ޝަރީޢަތާ ހަމަޔަށް ވަނީ ގެންގޮސްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ އިތުރުން، ރައްޔިތުންގެ އިޙްތިރާމް ލިބިވަޑައިގެން ހުންނެވި، ބޭފުޅެއް ކަމަށެވެ. ވުމާއެކު ރައީސް ނަޝީދު އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ދައްކަވާފާނެ ކަމަށް ޤަބޫލުފުޅު ކުރަން ދަތިކަމަށް ވިދާޅުވިއެވެ.

"އެކަހަލަ މަޤާމެއްގަ ހުންނެވި ބޭފުޅަކު، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ދައްކަވާފާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. އެކަމުގެ ޙަޤީޤަތަކީ އެކަހަލަ ކަމެއް ހިނގާފައެއް ނޯންނާނެ. އެއްވެސް މީހަކަށް ފުޅިތޮށި އަޅައިގެން ކާންދީފައެއް ނޯންނާނެ. ހަމަ ގައިމުވެސް އަޅުގަނޑަށް އެނގިގެން އެކަހަލަ ކަމެއް ނުހިނގާނެ" ރައީސް މަޢުމޫން ވިދާޅުވިއެވެ.

އަދި އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ޙާލު، އެފަދަ އަނިޔާއެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނޭ ކަމަށް އެމަނިކުފާނުގެ ތަކުރާރުކޮށް ވިދާޅުވިއެވެ.

"ހަމަ ގައިމުވެސް އަޅުގަނޑަށް އެނގިގެން އެކަހަލަ ކަމެއް ނުހިނގާނެ. މިސާލަކަށް އަޅުގަނަޑަށް ނޭނގި މީހަކު ކަމެއް ކުރިޔަސް ދެން ކުރާނެ ކަމެއް ނެތް. އެނގުނު އިރަކުން އެކަމެއް ބަލައި ތަޙުޤީޤުކޮށް ފިޔަވަޅު އަޅާނަން. އެކަމު ނޭނގި ހިނގާފާ ހުރެދާނެ، އެހެން ނަމަވެސް އަޅުގަނޑަށް އެނގިގެން ނޯންނާނެ އެއްވެސް މީހަކަށް އެކަހަލަ އެއްވެސް އަނިޔާއެއް ދީފައެއް" ރައީސް މަޢުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެގޮތަށް އަނިޔާ ލިބިފައި ހުރީ ހަމަ އެކަނި އެމަނިކުފާނުގެ ސަރުކާރުގައި ނޫން ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް، އަދި މިހާރު ވެސް އެފަދަ ކަންކަން ހިނގާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި