ރާއްޖެރައްޔިތުންގެ މަޖިލިސް
ޕާޓީއަކާ ގުޅެން ނިންމީ ދާއިރާއަށްޓަކާ: އުޝާމް
26/07/2021
ޒައިން ރަޝީދު
ޝެއަރ
ސިޔާސީ ޕާޓީއަކާ ގުޅެން ނިންމީ ދާއިރާއަށްޓަކައި މަސައްކަތް ކުރެވެން އޮތީ ސިޔާސީ ޕާޓީއަކާ ގުޅިގެން ކަމަށްވާތީ ކަަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިނިވަން މެންބަރެއްގެ ގޮތުގައި ވިލިމާލެ ދާއިރާއަށް ހޮވިވަޑައިގެންނެވި އުޝާމް ވިދާޅުވީ, މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތްކަމަށާއި ދައިރާއަށާއި ރައްޔިތުންނަށް ހިދުމަތް ކުރެވެންއޮތީ ޕާޓީއަކާ ގުޅިގެން ކަމަށެވެ. 5 އަހަރުގެ ދައުރު ނިމެންދެން މިނިވަން މެންބަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އުޝާމް މަޖިލީހުގައި މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ފާޑު ވިދާޅުވިއެވެ. އަދި މަޖިލީހުގެ މިހާރުގެ ރިޔާސަތުން ގަބޫލުކުރައްވަނީ ޕާޓީ ސިސްޓަމް ކަމަށާއި މަޖިލީހުގެ ގަވާއިދު އެކުލަވާލާފައިވާ ގޮތުންވެސް މިނިވަން މެންބަރުންނަށް ފުރުސަތެއް ނެތް ކަމަށް ވިދާޅުވިއެވެ.
"ކެންޕެއިންގަ އަޅުގަނޑުގެ ވައުދެއް އެއީ ދައުރު ނިމެންދެން މިނިވަން މެންބަރެއްގެ ގޮތުގައި ހުރުން. އެކަމު އެއީ އަޅުގަނޑުގެ ހަމައެކަނި ޕްލެެޖެއް ނޫން. އަޅުގަނޑު އެހެން ކަންތައްތަކަށްވެސް ވައުދުވިން. ޒުވާނުންނާ ގުޅޭ ކަންތައްތަކުގައިވެސް ވައުދުވިން. ތައުލީމާ ގުޅޭ ކަންތައްތަކުގައިވެސް ވައުދުވިން." އުޝާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ 2 އަހަރު މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ތެރެއިން ދާއިރާއަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށެވެ. އަދި މިހާރު މިނިވަން މެންބަރުންނަށް މަސައްކަތް ކުރުމަށް ވަރަށް ދަތިކަމަށެވެ. އޭނާ ވިދާޅުވީ ދާއިރާއަށް މަސައްކަތް ކުރެވޭ ގޮތައް މަސައްކަތް ބައްޓަން ކުރުމަށް ދާއިރާގެ ރައްޔިތުންގެ ތެރެއިން މަޝްވަރާ ކުރެއްވި މީހުން ތާއީދުކުރާ ކަމަށެވެ.
އުޝާމްއަކީ 19 ވަނަ މަޖިލީހުގައި ހިމެނޭ މަދު މިނިވަން މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ނަމަވެސް މިހާރު އޭނާ ގެންދަވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ހިޔާލު
ގުޅުންހުރި