ރާއްޖެސަރުކާރު

ދެއްކޭ ވަރަށް ވުރެން ކަރަންޓު ބިލުތައް ބޮޑު: މޭޔަރ

29/07/2021

ޒައިން ރަޝީދު

ސްޓެލްކޯ - ފޮޓޯ: ޒަޔާން އާސިފް / ސުކުން


ޝެއަރ

މާލޭ ގެތަކުގެ ކަރަންޓު ބިލު މިމަހު ބޮޑުވެ އެކަމުގެ ޝަކުވާ ކުރަން ފަށައިފިއެވެ.

ފާއިތުވި 2 މަހުގެ ކަރަންޓު ބިލާ އަޅާބަލާއިރު ބައެއް ގެތަކުގެ ކަރަންޓު ބިލު 2 ގުނަ ނުވަތަ 3 ގުނަ އިތުރުވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. ބިލު ބޮޑުވުމުގެ ޝަކުވާ މާލެ ސިޓީގެ މޭޔަރ މުޙައްމަދު މުއިއްޒުވެސް ވަނީ ކުރައްވާފައެވެ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަރަންޓު ބިލުތައް ދެއްކޭ ވަރަށް ވުރެން މާ ބޮޑު ކަމަށެވެ. އަދި ބިލުގެ ސަބަބުން ހާލުގައި އުޅޭ ރައްޔިތުން އިތުރަށް ހާލުގައިޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބިލު ބޮޑު ކަމަށް ބުނެ ކުރާ ޝަކުވާތައް ސްޓެލްކޯ އިން ގަބޫލެއް ނުކުރެއެވެ. ސްޓެލްކޯ އިން މީޑިއަށް ވިދާޅުވީ ބިލު ބޮޑުވި ކަމަށް ހީވަނީ ފާއިތުވި 2 މަހު ސަރުކާރުން ދީފައިވާ ސަބްސިޑީ ނުހިމަނާ މިމަހުގެ ބިލު ތައްޔާރު ކޮށްފައިވާތީއެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ސަރުކާރުން ވަނީ މޭ މަހުގެ ކަރަންޓު ބިލުން 60 އިންސައްތަ ސަބްސިޑައިޒް ކޮށްފައެވެ.

އަދި ބިލު ބޮޑުވުމުގެ ޝަކުވާތައް ބަލާ, އެ ގެތަކުގެ މީޓަރުގެ މައްސަލައެއް އުޅޭތޯ ޗެކްކުރުމަށްފަހު އަލުން ރީޑިންގ ވެސް ނަގާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ނަމަވެސް މިހާތަނަށް ބެލިބެލިމުން އެވަރެޖުކޮށް ބިލު ބޮޑުވެފައިވާ ކަމަށް ނުފެންނަކަމަށް ސްޓެލްކޯއިން ބުންޏެވެ.

ބިލު ބޮޑު ވެގެން ޝަކުވާ ކުރާ ގިނަ މީހުން ދަނީ ބިލު ބޮޑުވީ ކިއްވެގެންތޯ ސުވާލުކޮށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

ހިޔާލު


ގުޅުންހުރި